ޚަބަރު

މަސްޖިދުލް އަޤްޞާ ކައިރީގައި ފަލަސްޠީނުގެ ޒުވާނެއް ޝަހީދުކޮށްލައިފި


ޤުދުޞްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް ބިނާ - މަސްޖިދުލް އަޤްޞާގެ ދޮރުމަތީގައި ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ 26 އަހަރުގެ މީހަކު ޝަހީދުކޮށްލައިފިއެވެ. ޝަހީދުކޮށްލާފައި ވަނީ މުޙައްމަދު އަލް-އުޞައިބީ ކިޔާ ޒުވާނެއް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އޭނާ ޝަހީދުކޮށްލުމުގެ ކުރިން ކަން ހިނގާފައިވާ ގޮތާމެދު ޔަހޫދީ އިސްރާޢީލުން ވާހަކަދައްކަމުން ދަނީ ދެ ގޮތަކަށެވެ. ޔަހޫދީ އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމުގައިވާ ޠަލާބް އަލް-ޘާނީ ބުނީ، ޔަހޫދީ ސިފައިން އަލް-އުޞައިބަށް ހަމަލާދީފައި ވަނީ، ފަލަސްޠީނުގެ ޒުވާން ފުރައިގެ އަންހެނަކަށް ޔަހޫދީ ސިފައިންގެ ބަޔަކު ފުރައްސާރަކުރާ މަންޒަރު ފެނިގެން އެ ކަން ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ކަމުގައެވެ.

ނަމަވެސް، ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން އެ ކަން ދޮގު ކުރެއެވެ. އެ މީހުން ބުނީ އަލް-އުޞައިބަށް ހަމަލާދިނީ، އޭނާ ފުލުހެއްގެ ހަތިޔާރު ޖަހައިގަނެ، ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ކަމުގައެވެ. ފުލުހެއްގެ ހަތިޔާރު ޖަހައިގަނެފައި ވަނީ، އޭނާއާ ސުވާލު ކުރުމަށް ހުއްޓުވުމުން ކަމުގައި ވެސް ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ބުންޏެވެ.

ޔަހޫދީ ޖައްބާރު ސިފައިން އަލް-އުޞައިބުގެ ހަށިގަނޑަށް 11 ފަހަރު ބަޑިޖަހާފައިވާ ކަމަށް މަންޒަރު ފެނުނު ބައެއް މީހުން ބުނެއެވެ. އަދި، ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ކަމަށް ބުނާ ވީޑީޔޯއަކުން، 11 ފަހަރު ބަޑި ޖަހާ އަޑު އިވޭ ކަމަށް ވެސް ބައެއް ޚަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މި ކަމާ ގުޅިގެން، އަލް-އުޞައިބުގެ ޢާއިލާއިން ވަނީ ސީ.ސީ.ޓީ.ވީ. ވީޑިޔޯ ޢާންމު ކުރުމަށް ޔަހޫދީ ފުލުހުންގެ ކިބައިން އެދިފައެވެ. ނަމަވެސް، އެ ހާދިސާ ހިނގި ސަރަޙައްދު ވީޑިޔޯ ނެތް ކަމުގައި ޔަހޫދީ ޖައްބާރު ފުލުހުން ބުންޏެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވަނީ އަލް-އުޞައިބު ޝަހީދުކޮށްލި ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، މި ފަދަ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެމެދު އިތުރު ހަމަނުޖެހުންތަކަށް މަގުފަހިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ވަނީ ކޮންމެ ދުވަހަކު ފަލަސްޠީނުގެ ބިންތަކަށް އަރައި، މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތައް ހިންގާފައެވެ. ނަމަވެސް، ރަމަޟާން މަސް ފެށުމާ އެކު އުދުވާންތައް މަދުކޮށްފައިވެއެވެ. އެއީ، ފަލަސްޠީނާއި ޔަހޫދީ އިސްރާޢީލުގެ ސަލާމަތީ އިސްވެރިންނާ ދެމެދު އުރުދުނާއި މިޞްރުގައި ބޭއްވި މަޝްވަރާތަކަކަށް ފަހުއެވެ.

މި އަހަރު ފެށުނު ފަހުން ޔަހޫދީ ޓެރެރިސްޓު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 90 އަށް އަރައެވެ. އޭގެ ތެރޭގައި ކުށެއް ނެތް ޢާންމުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންނާއި، ކުޑަކުދިން ވެސް ހިމެނެއެވެ.