ޚަބަރު

ސްވިޓްޒަލެންޑުގައި ދެ ރޭލު އެކްސިޑެންޓެއްގައި 15 މީހުން ޒަޚަމުވެއްޖެ


ސްވިޓްޒަލެންޑުގައި ރޭލު ދަގަނޑުތައް މަތިން ދެ ރޭލު ކަހައިލައިގެން ފުރޮޅައިލާ ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި 15 މީހުން ޒަޚަމުވެއްޖެއެވެ. އެ ޤައުމުގެ ހުޅަނގުއުތުރުގެ ސަރަޙައްދެއްގައި މި ދެ ހާދިސާ ހިނގާފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާތައް ހިނގާފައި ވަނީ ވެރިރަށް ބަރންގެ އުތުރުގައިވާ ސަރަޙައްދެއްގައެވެ.

ރޭލު ދަގަނޑު މަތިން ފުރަތަމަ ރޭލު ކަހައިލި ހާދިސާގައި ތިން މީހުން ޒަޚަމުވިއެވެ. އޭގެ ތެރޭގައި ރޭލު ދުއްވަން އިން މީހާ ވެސް ހިމެނެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ލުޝިއެޓްޒްގައެވެ. އެ ވަގުތު ރޭލުގައި 16 ފަސިންޖަރުން ތިބި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ދެ ވަނަ ހާދިސާގައި 12 މީހުންނަށް އަނިޔާވިއިރު، އެ ހާދިސާ ހިނގާފައި ވަނީ ލުޝިއެޓްޒާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ބުރެން ޒުމް ހޯމްގައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ދެ ހާދިސާ ހިނގި ވަގުތަކީ އެ ސަރަޙައްދަށް މޫސުން ގޯސްވެ، ވައިބާރުވެފައިވާ ގަޑިއެއް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އެ ވަގުތު އެ ސަރަޙައްދަށް ގަޑިއަކު 136 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުން ގޮސްފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މި ދެ ހާދިސާގައި ރޭލަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ހޮޅިދަނޑިއަކަށް ގެއްލުންވެ، ރޭލުތައް ދަތުރުކުރާ އެއް މަގުގެ ޚިދުމަތް މެދުކެނޑުނު ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ދެ ހާދިސާގައި ޒަޚަމުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމުގައި ބަރންގެ ފުލުހުން ބުންޏެވެ.

ސްވިޓްޒަލެންޑަކީ ވަރަށް ފުރިހަމަ ރޭލު ދަތުރުފަތުރުގެ ނިޒާމެއް އޮންނަ ޤައުމެކެވެ. ނަމަވެސް، މަދުމަދުން ނަމަވެސް މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. 2021 ވަނަ އަހަރު ހިނގާފައިވާ އެކި ހާދިސާގައި އަށް މީހަކު ވަނީ މަރުވެފައެވެ. އަދި، 47 މީހަކު ޒަޚަމުވިއެވެ.