ޚަބަރު

ސްޕެއިންގެ ޖަންގަލިތަކުގެ 100 އަށްވުރެ ގިނަ ސަރަޙައްދުގައި ރޯކޮށްލައިފި


ސްޕެއިންގެ އުތުރުގައިވާ ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި 100 އަށްވުރެ ގިނަ އަލިފާންގަނޑު އަނދަމުންދާ ކަމުގައި އެ ޤައުމުގެ އަލިފާން ނިއްވާ އިދާރާތަކުން ހާމަކޮށްފިއެވެ. އެ ޤައުމުގެ އުތުރުގެ ދެ ސަރަޙައްދެއް ކަމުގައިވާ އޮސްޓޫރިޔަސް އަދި ކެންޓެބްރިޔާގެ ޖަންގަލިތަކުގައި 119 ބޮޑު އަލިފާންގަނޑު ރޯވެ، އަނދަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

މިއީ، އެ ދެ ސަރަޙައްދުގެ ފަރުބަދަމަތީ ހިސާބުތަކުގައި ޤަވާޢިދާ ޚިލާފަށް ރޯކޮށްފައިވާ އަލިފާންގަނޑުތަކެއް ކަމުގައި، އަލިފާންގަނޑުތައް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ އިދާރާތަކުން ބުނެއެވެ. އެ ސަރަޙައްދުގައި ރޯވެފައިވާ 119 އަލިފާންގަނޑުގެ ތެރެއިން 91 އަލިފާންގަނޑު އަނދަމުން ދަނީ އެސްޓޫރިޔަސްގެ ޖަންގަލިތަކުގައެވެ.

އެ ސަރަޙައްދުތަކުގައި 160 އަށްވުރެ ގިނަ އަލިފާންގަނޑު ރޯކޮށްލާފައިވާ ކަމަށާއި، ބައެއް އަލިފާންގަނޑުތައް މިހާރު ނިއްވަލާފައިވާނެ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަދި، މިއީ ކުށްކުރާ ގުރޫޕަކުން ގަސްދުގައި ރޯކޮށްފައިވާ އަލިފާންގަނޑުތަކެއް ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

"މިއީ ޓެރެރިޒަމްގެ އަމަލެއް. ޖަންގަލިތަކުގައި ރޯކޮށްލައިގެން ޓެރެރިސްޓުން އެ ވަނީ އެތަކެއް ހާސް ބަޔެއްގެ ފުރާނަޔާއި މުދަލަށް ނުރައްކާ ކުރުވާފައި. އަލިފާންގަނޑުތަކުގެ ނުރައްކާ ގިނަ ރަށްތަކާއި އަވަށްތަކަށް ދަނީ ކުރަމުން،" އޮސްޓޫރިޔަސްގެ ސަރަޙައްދީ ރައީސް އެޑްރިޔަން ބަރްބޮން ވިދާޅުވިއެވެ.

އޮސްޓޫރިޔަސްއާއި ކެންޓެބްރިޔާގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ގެތަކާ ކައިރިއަށް ފެތުރެން ފެށުމާ ގުޅިގެން، ނުރައްކާވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި، އެ ސަރަޙައްދުތަކުގެ ގިނަ ޢަދަދެއްގެ މަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މާރިޗު 23 ވަނަ ދުވަހުން ފެށިގެން ސްޕެއިންގެ އިރުމަތީގައިވާ ވެލެންސިޔާގެ ކެސްޓެޔޯންގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ 4,700 ހެކްޓަރުގެ ޖަންގަލި އެނދި ފަހުންނެވެ. އެ އަލިފާންގަނޑާ ގުޅިގެން 1,300 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އެއީ މި އަހަރުގެ ތެރޭގައި ސްޕެއިންގެ ޖަންގަލިތަކުގައި އަލިފާން ރޯވި ފުރަތަމަ ފަހަރެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ސަރަޙައްދުތަކަށް ވާރޭ ވެހިފައި ވަނީ ވަރަށް މަދުންނެވެ. އެ ކަމުގެ ސަބަބުން ޖަންގަލިތައް ވަނީ ހަނަފަސްވެފައެވެ. އަދި، އަލިފާންގަނޑުތައް ފެތުރެން ފަސޭހަވެފައެވެ. ފަހަކަށް އައިސް ސްޕެއިންގެ ޖަންގަލިތަކުގައި ކޮންމެ އަހަރު ވެސް ދަނީ ރޯވަމުންނެވެ. މިއީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކާރިސާއެއް ކަމުގައި ތިމާވެށީގެ ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.