ޚަބަރު

ޕާކިސްތާނުގައި ގިނަ ޢަދަދެއްގެ ބަޔަކު ފިތިގެން މަރުވެއްޖެ


ރަމަޟާން މަހާ ދިމާކޮށް ޕާކިސްތާނުގެ ދެކުނުގައިވާ ކަރާޗީގައި ދިރިއުޅޭ ފަގީރުންނަށް ޒަކާތުގެ ގޮތުގައި ކާބޯތަކެތީގެ އެހީގެ ޕެކޭޖުތަކެއް ބަހަމުން ދިޔަ ތަނެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ފިތި ބާރުވުމުގެ ސަބަބުން 11 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަމިއްލަ ކުންފުންޏަކުން އިސްނަގައިގެން އެހީގެ ޕެކޭޖު ބެހުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

ޕާކިސްތާނަށް މި ވަގުތު އޮތީ އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައެވެ. އަދި، ޕާކިސްތާނު ރުޕީސްގެ އަގު ވެއްޓި، ތަކެތީގެ އަގުތައް ވަނީ 50 އިންސައްތައަށް އުފުލިފައެވެ. މި ކަން ހައްލުކުރުމަށް ލޯނެއް ހޯދުމާ ގުޅޭގޮތުން ޕާކިސްތާނުގެ ސަރުކާރުން މިހާރު ދަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އާ މަޝްވަރާ ކުރަމުންނެވެ.

ފިތި ބާރުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ، އަންހެނުންނާއި ކުޑަކުދިންނަށް ކާބޯތަކެތީގެ އެހީގެ ޕެކޭޖުތަކެއް ބަހަމުންދިޔަ ގުދަނެއްގައި ކަމަށް ކަރާޗީގެ ފުލުހުން ބުނެއެވެ. އެހީގެ ޕެކޭޖު ހޯދުމަށް އެ ތަނަށް އެއްވި މީހުންގެ ޢަދަދު 700 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ފިދާ ޖާންވަރީ ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަ އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭ ކަމުގައި ކަރާޗީގައި ހުންނަ އާއްބާސީ ޝަހީދު ސްޓޭޓް ހޮސްޕިޓަލުގެ އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ފައްރާއުޚް ވިދާޅުވިއެވެ. މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ގެންގޮސްފައި ވަނީ އެހެން ހޮސްޕިޓަލަކަށެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނެއް ވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން، އެހީގެ ޕެކޭޖު ބެހުމުގެ ހަރަކާތް އިންތިޒާމުކުރި ކުންފުނީގެ ތިން މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ. ކުށަކީ، ފުލުހުންނަށް ނާންގައި އެ ފަދަ ހަރަކާތެއް ބޭއްވުމެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ހިނގި މި ފަދަ އެހެން ހާދިސާއެއްގައި އެކަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ޕާކިސްތާނަކީ 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް އައި.އެމް.އެފް.އިން 6.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދަން އެ ޤައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އައި.އެމް.އެފް.އިން އެ ޤައުމަށް މި ފަދަ ލޯނެއް ދޫކުރުމުގެ ކުރިން އެ ޤައުމުން ޓެކުހުގެ ނިޒާމު އިސްލާހުކޮށް، އަސާސީ ޚިދުތްތަކުގެ އަގުތައް އުފުލަން ޖެހޭނެއެވެ.