ރަމަޟާން މަހަކީ ރޯދަހިފުމާއި އަޅުކަމާއި ފާފަފުއްސެވުމަށް އެދި ދުޢާ ދެންނެވުމަށް ޚާއްޞަ މައްސަރެކެވެ. އެއީ މުސްލިމުންގެ މެދުގައި އަޚްވަންތަ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެއީ ރަމަޟާން މަހުގެ ތެރޭގައި މުސްލިމުންނަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއެވެ. އެ ގޮތުން ރޯދަވީއްލާ ވަޤުތަކީ މުސްލިމުންނަށް އެންމެ ޚާއްޞަ ވަޤުތެވެ. ރޯދަވީއްލުމުގެ އާދަކާދަތަކަކީ އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ކަންކަމެވެ. ޒަމާން ބަދަލުވި ނަމަވެސް އެ ރިވެތި އާދަކާދަތަކަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރޯދަވީއްލުމުގައި ގިނަ ސުންނަތް ގޮތްތަކެއް ވެއެވެ. އެ ގޮތުން ރޯދަވީއްލުމާ ގުޅޭގޮތުން އެކި ޙަދީޘް ވާރިދުވެގެން އައިސްފައިވެއެވެ. އޭގެ ތެރޭގައި ކަދުރުން ރޯދަވީއްލުމާއި ރޯދަވީއްލާ ވަޤުތު މުސްލިމުންނަށް ލިބޭ އުފާވެރިކަމާއި މުސްލިމަކަށް ރޯދަވީއްލުމެއް ދިނުމުގެ މޮޅުއިތުރުކަމާ ގުޅޭގޮތުން ހަދީޘް ވާރިދުވެފައިވެއެވެ. ރޯދަވީއްލާ ވަޤުތަކީ އަޚްވަންތަ ގުޅުންތައް ބަދަހިކުރުމަށް ޒަމާނުއްސުރެ ޚާއްޞަވެފައިވާ ވަޤުތެކެވެ. އަދާ ޖެހެންދެންވެސް ގޭދޮށު އެންމެން އެއްކޮށް ރޯދަވީއްލުމަކީ ގިނަ ޤައުމުތަކުގައި ހިނގަމުންދާ ކަންކަމެވެ. އަދި ނިޞްބަތުން މުސްލިމުންގެ ޢަދަދު މަދު ޤައުމުތަކުގައި އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުން އެއްތަނަކަށް އެއްވެ އެއްކޮށް ރޯދަވީއްލުމަކީ ޢާއްމުކަމެކެވެ. އޭގެ އިތުރުން އެފަދަ ޤައުމުތަކުގައި އެހެން ދީންތަކުގެ މީހުން މުސްލިމުންނަށް ރޯދަވީއްލުން ދިނުމަކީވެސް އާދައެކެވެ. ގިނަ ޤައުމުތަކުގައި ފަޤީރުންނަށާއި ރަށުން ބޭރު މީހުންނަށް ރޯދަވީއްލުން ދިނުމަށް މުޙިއްމުކަމެއް ދެއެވެ. އެ ގޮތުން މިސްކިތްތަކުގައި އެތައް ސަތޭކަ ބަޔަކަށް ރޯދަވީއްލުން ކޮންމެ ދުވަހަކުވެސް ތައްޔާރުކޮށްފައި ހުރެއެވެ.
ރޯދަވީއްލުމަށްފަހުވެސް ޢަމަލުކުރާ ގިނަ އާދަކާދަތަކެއް ހުރެއެވެ. އެ ގޮތުން ރޯދަވީއްލުމަށްފަހު އެންމެން އެއްކޮށް ތަރާވީސް ނަމާދުކުރުމާއި ގުޅުންބަދަހިކުރުމަށް އެ ނޫންވެސް ގިނަ ޙަރަކާތްތައް ހިންގައެވެ. ރަމަޟާން މަހަކީ އަޅާލުމާއި އޯގާތެރިކަމުގެ މަހެކެވެ. އެހެންކަމުން އެކަކު އަނެކެއްގެ ބޭނުންތައް ފުއްދައިދިނުމަށާއި ޞަދަޤާތް ކުރުމަށް އިސްލާމުދީން ބާރުއަޅައެވެ. އެކަމުގެ ބަރަކާތާއި ސަވާބުގެ ބޮޑުކަމަށްޓަކައެވެ.
ކޮންމެ މީހަކީ ބޮޑު ރޯދަވީއްލުމެއް ދެވޭނެ މީހަކަށް ނުވެދާނެއެވެ. އަދި ޞަދަޤާތް ދެވޭނެ މީހަކަށްވެސް ނުވެދާނެއެވެ. އެހެންކަމަށްވާނަމަ ހެޔޮ ބަހަކުން ނަމަވެސް މީހަކަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ހަދީޘްގައި ވާރިވެގެން އައިސްފައިވެއެވެ.