ޚަބަރު

މޫސުމީ އިންސާފު ޤާއިމުކުރަން ގޮވާލައި އދގެ ތާރީޚީ ޤަރާރެއް


މޫސުމީ އިންސާފު ގާއިމުކުރާނެ ގޮތްތައް ކަނޑައެޅުމަށް ގޮވައިލާ އ.ދ.ގެ ޢާންމު މަޖިލީހުން ތާރީޚީ ޤަރާރެއް ފާސްކޮށްފިއެވެ. ވެނުވާޓޫއިން ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ފާސްވެފައި ވަނީ އެ މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތަކުންނެވެ. މިއީ، މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ޤަރާރުގެ މައިގަނޑު މަޤުޞަދަކީ، ތިމާވެއްޓަށް ގެއްލުންދިނުމާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކަށް ޤާނޫނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ މަސައްކަތް މަތިކޮށްފައި ވަނީ އ.ދ.ގެ އެންމެ މަތީ ކޯޓު - އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގައި ޤައުމުތަކުގެ ޒިންމާތައް އެ ކޯޓުން ކަނޑައަޅާނެއެވެ. އަދި، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޚިލާފުވާ ޤައުމުތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ވެސް ޤަރާރުގެ ދަށުން އައި.ސީ.ޖޭ.އަށް ލިބިގެންދާނެއެވެ. މި ކަމުގައި އެ ކޯޓުން އަމަލުކުރަމުން ދާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއް ގޮތަށެވެ.

"މިއީ ތާރީޚި ނިންމުމެއް. އައި.ސީ.ޖޭ.ގެ ނިންމުންތަކާ އެކު، މޫސުމީ ބަދަލުތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އ.ދ.ގެ ޢާންމު މަޖިލީހާއި މެންބަރު ޤައުމުތަކުގެ އެހީތެރިކަން ލިބިގެންދާނެ،" ޤަރާރު ފާސްވުމާ ގުޅިގެން އުފާފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.

ވެނުވާޓޫއިން ހުށަހަޅާފައިވާ ޤަރާރު އ.ދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 130 ޤައުމަކުން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ. "މި ޤަރާރާ އެކު، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގޮވައިލާ އަޑު އެތަކެއް ގަރުނަކަށް، އަޑު ހަރުކޮށް ދެމިގެންދާނެ،" ވެނުވާޓޫގެ ބޮޑުވަޒީރު އިސްމާޢީލް ކަލްސަކާއޫ ވިދާޅުވިއެވެ.

މި ޤަރާރު އުފަންވީ ފީޖީގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް 2019 ވަނަ އަހަރު ފެށި ކެމްޕޭނަކާ އެކުއެވެ. ވެނުވާޓޫއިން މި ޤަރާރު ކުރިއަރުވަން މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުއެވެ. ވެނުވާޓޫއަކީ، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

2030 އާއި 2035 ވަނަ އަހަރާ ދޭތެރޭ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއެސްއިން އުފުލޭނެ ކަމުގެ އިންޒާރު، އ.ދ.ގެ މޫސުމާ ބެހޭ މާހިރުން ޓީމު (އައި.ޕީ.ސީ.ސީ)އިން ހުސްވި ހަފުތާގައި ވަނީ ހާމަކޮށްފައެވެ. އަދި، އެ ކަން ހުއްޓުވަން ޤައުމުތަކުން ގުޅިގެން ވަގުތުން ވަގުތަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން އެ ޓީމުން ހާމަކުރިއެވެ.

މޫސުމީ ބަދަލުތައް ކުޑަކޮށް، ދުނިޔެ ހޫނުވުން ހުއްޓުވުމަށް 2015 ވަނަ އަހަރު އެކުލަވައިލި ޕެރިސް އެއްބަސްވުން ތަންފީޒު ކުރުމަށް ޤާނޫނީ ބާރުވެރިކަން ލިބިފައި ނެތް ނަމަވެސް، އައި.ސީ.ޖޭ.އަށް ބާރުދޭ ޤަރާރާ އެކު، އެ ކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދަށްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި ޤަރާރު ފާސްކޮށްފައި މި ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް، ފަރަންސޭސިވިލާތާއި ސްވިޓްޒަލެންޑާ ދެކޮޅަށް ވިލާތުގެ އިންސާނީ ހައްޤުތަކާ ބެހޭ ކޯޓަށް މައްސަލައެއް ހުށަހެޅި ދުވަހުއެވެ. އެ މައްސަލައިގައި ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމުގެ ބާރު އައި.ސީ.ޖޭ.އަށް ލިބިފައިވީ ނަމަވެސް، އެ އިރުޝާދުތަކަށް ބޯލެނބުމަކީ މަޖުބޫރު ކަމެއް ނޫނެވެ.

މި ޤަރާރު ފާސްވުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވެފައިވާ، އަދި ކުރިމަތިވާ ކާރިސާތަކާ ގުޅިގެން އެހީ ހޯދުމަށް މި ޤަރާރާ އެކު އެ ޤައުމުތަކަށް ފަސޭހަވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.