ޚަބަރު

މުޅި ދުނިޔެ ދަނީ ޑިމޮކުރަސީއާ ދިމާލަށް އެނބުރެމުން: ބައިޑަން


މުޅި ދުނިޔެ މި ވަގުތު ދަތުރުކުރަމުން ދަނީ ޑިމޮކުރަސީއާ ދިމާލަށް ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާއާއި ރަޝިޔާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. ބައިޑަން މި މޭރުމުން ވިދާޅުވެފައި ވަނީ، އޭނާ އިސްނަންގަވައިގެން ބާއްވަވާ ޑިމޮކުރަސީ ސަމިޓުގެ ދެވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

ވަރޗުލްއަށް ބާއްވާ މި ސަމިޓުގައި ދުނިޔޭގެ 121 ޤައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައިވާ ޤައުމުތަކުގެ ލީޑަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ބައިޑަން ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކުރަސީ ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކަށް 690 މިލިޔަނު ޑޮލަރު އެމެރިކާއިން ހޭދަކުރާނެ ކަން އިޢުލާނު ކުރައްވާފައެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ޒަމާން މާނަކޮށްދޭ އެންމެ ބޮޑު ކަމަކީ ޑިމޮކުރަސީ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކުރަސީ ދަނީ ކުރިއަރަމުން. އެއީ އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭ ކަމެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އޮޓޯކްރެސީ ނުވަތަ ޚުދުމުހުތާރު ވެރިކަންތައް ދަނީ ފަނޑުވެ، ނެތެމުން. އަދި ޑިމޮކުރަސީ ދަނީ ކުރިއަރަމުން،" ބައިޑަން ވިދާޅުވިއެވެ.

ބައިޑަން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޑިމޮކުރަސީ ސަމިޓު ބާއްވަވާފައި ވަނީ 2021 ވަނަ އަހަރުއެވެ. މި އަހަރުގެ ސަމިޓުގައި ކުރީ އަހަރަށްވުރެ އިތުރަށް އަށް ޤައުމަކަށް ދަޢުވަތު ދީފައިވެއެވެ. ބައިޑަންގެ ވާހަކަފުޅުގައި އެންގޯލާއާއި ޑޮމިނިކަން ރިޕަބްލިކާއި ކްރޮއޭޝިޔާއިން ކޮރަޕްޝަން ނައްތައިލާ، ޝަރުޢީ ދާއިރާ އިސްލާހުކުރަން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި، 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، ބައިޑަންއާ ވާދަކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ވޯޓުދިން ހުރިހާ ރައްޔިތުންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ޤައުމުތަކުގައި އިންސާނީ ހައްޤުތައް ކުރިއަރުވައި، ރައްޔިތުންގެ އަޑު ފަތުރަން ކުރަމުންދާ މަސައްކަތްތަކަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއް. މިއަދު ފެންނަމުން މި ދަނީ ދުނިޔޭގެ މަންޒަރު ޑިމޮކުރަސީއާ ދިމާލަށް އެނބުރެމުންދާ އުފާވެރި މަންޒަރު،" ބައިޑަން ވިދާޅުވިއެވެ.

ޑިމޮކުރަސީ ކުރިއަރަމުންދާ ކަމުގައި ބައިޑަން ވިދާޅުވި ނަމަވެސް، މަސްރަޙު ދިރާސާކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، 2022 ވަނަ އަހަރަކީ ޑިމޮކުރަސީ ދަމަހައްޓަން ކުރަމުންދިޔަ މަސައްކަތްތަކަށް ހީނަރު އަހަރެއް ކަމުގައެވެ. ނަމަވެސް، ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ޑިމޮކުރަސީގެ އަސާސްތަކާއި އުސޫލުތައް ކުރިއަރުވައި ދަމަހައްޓަން ހަރުދަނާ މަސައްކަތްތަކެއް ކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.

"އަޅުގަނޑުމެން މިއަދު އަޅާ ކޮންމެ ފިޔަވަޅެއްގެ، އަދި ނިންމާ ކޮންމެ ނިންމުމެއްގެ ނަތީޖާ މާދަމާ ފެންނާނެ. އެ ނަތީޖާ އެތަކެއް އަހަރަކަށް ދެމިގެންދާނެ. އަޅުގަނޑުމެންގެ ޒިންމާއަކީ، ރަނގަޅު އަދި ފައިދާހުރި މަގުން ދަތުރުކުރުން. އަދި އެ ދަތުރު ހުއްޓައިނުލާ ކުރިއަށްގެންދިޔުން،" ބައިޑަން ވިދާޅުވިއެވެ.