ޚަބަރު

ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް އޮތް ނުރައްކާ ބޮޑުވެއްޖެ


ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓު ކައިރީގައި ހަރަކާތްތެރިވާ ސިފައިންގެ ޢަދަދުތައް އިތުރުކޮށް، އެ ސަރަޙައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައިވާ ކަމުގައި އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވެއްޖެއެވެ. އޭނާ ދާދިފަހުން ވަނީ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓަށް ވަޑައިގަންނަވައި، އެ ތަނުގެ ހާލަތު ބައްލަވައިލައްވާފައެވެ.

ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދެއް މި ވަގުތު އޮތީ ރަޝިޔާގެ އިސްތިއުމާރީ ސިފައިންގެ އަތްދަށުގައެވެ. މީގެ ތެރޭގައި ނިއުކްލިޔަރ ޕްލާންޓު ވެސް ހިމެނެއެވެ. ރަޝިޔާ ސިފައިންގެ އަތްދަށުގައި އެ ރަށް އޮތުމަކީ، ނިއުކްލިޔަރ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ހުރަހެއް ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ގްރޮސީ ވިދާޅުވީ، ނިއުކްލިޔަރ ޕްލާންޓް ހުންނަ ސަރަޙައްދަށް ދޭތެރެދޭތެރެއިން އަދިވެސް ހަމަލާދެމުންދާ ކަމުގައެވެ. ނަމަވެސް، އެ ސަރަޙައްދަށް ހަމަލާދީފައި ވަނީ ކޮން ޤައުމަކުން ކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ. ގްރޮސީ ވިދާޅުވީ، ހަމަލާތަކުގެ ސަބަބުން ނިކްލިޔަރ ޕްލާންޓަށް ގެއްލުމެއް ލިބި، ނިއުކްލިޔަރ ކާރިސާއެއް ހިނގުމުގެ ނުރައްކާތެރިކަން އަދިވެސް އޮތް ކަމުގައެވެ.

ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކީ ވިލާތުގައި ހުންނަ މި ފަދަ އެންމެ ބޮޑު ޕްލާންޓެވެ. އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރަޝިޔާއާއި ޔޫކްރެއިނާ އެކު މަޝްވަރާކުރަމުންދާ ކަމުގައި ގްރޮސީ ވިދާޅުވިއެވެ. އަދި، ދެ ފަރާތުން އެއްބަސްވާ ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

"ދެ ފަރާތަށް ވެސް އެއްބަސްވެވޭ، އަދި ހާސިލްކުރެވިދާނެ ހުށަހެޅުމެއް ތައްޔާރުކުރަން މި ދަނީ މަސައްކަތް ކުރަމުން. އުންމީދަކީ، ދެ ފަރާތުން ވެސް އެ ހުށަހެޅުމަށް ތާޢީދުކުރުން. ކޮންމެ ހާލެއްގައި ނަމަވެސް، ކާރިސާއެއް ހިނގިޔަ ދީގެން ނުވާނެ. އެއީ އޮތް ފުރުޞަތެއް ނޫން. ދެ ފަރާތުން ވެސް އެ ފަދަ ކަމެއް ހިނގިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން،" ގްރޮސީ ވިދާޅުވިއެވެ.

ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ދީފައިވާ ހަމަލާތަކުގެ ޒިންމާ ރަޝިޔާއާއި ޔޫކްރެއިނުން ދަނީ އެއްބަޔަކު އަނެއް ބަޔެއްގެ ކޮނޑުގައި އަޅުވަމުންނެވެ. އެ ސަރަޙައްދަކީ ހަތިޔާރު ގެންގުޅުން މަނާ، އަދި ހަމަލާދިނުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.އިން ވަނީ ގޮވައިލާފައެވެ. އަދި، ޕްލާންޓު ވަށައިގެން ސަލާމަތީ ސަރަޙައްދެއް ގާއިމުކުރަން އައި.އޭ.އީ.އޭ.އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަރަންޓަކީ ވަރަށް މުހިންމު ޚިދުމަތެކެވެ. ނަމަވެސް، އެ ތަނަށް އަމާޒުކޮށް މީގެ ކުރިން ދީފައިވާ ހަމަލާތަކުގެ ސަބަބުން އެ ތަނުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ. މިއީ، އައި.އޭ.އީ.އޭ.ގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އޮތް ނުރައްކާތެރި މައްސަލައެކެވެ.

ޒަޕޮރީޜިޔާއަށް ގްރޮސީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޒެލެންސްކީއާ ވެސް އޭނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ، ޔޫކްރެއިނުގެ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޒަޕޮރީޜިޔާގެ ސަރަޙައްދެއްގައެވެ. މިއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި، އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކުރި ފަހުން ގްރޮސީ ޒަޕޮރީޜިޔާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.