ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބޭނެ ފަސޭހަ މަގެއް


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވާ ފަރާތްތަކާއި އެފަދަ ފަރާތްތަކަށް ވަޒީފާ ދޭން ޝައުޤުވެރިވާ ކުންފުނިތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޑޭޓާ ބޭސްއެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފައްޓަވައިފިއެވެ.



ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ މިނިސްޓްރީން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ.



ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެގެޓިވް އާމިނަތު ޙުސައިން ޝަރީފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯއްދަވައިދެއްވަން ކުރިން ހަމަޖެހިފައި އޮތް އުޞޫލަކީ އެމީހުންގެ ސީވީ މިނިސްޓްރީއަށް ހުށަހަޅުމުން މިނިސްޓްރީ މެދުވެރިވެވަޑައިގެން ވަޒީފާ ހޯއްދަވައިދެއްވާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އޮތުމުން ބައެއް ކަހަލަ ދަތިތައް ދިމާވާތީ، މިހާރު އެ މިނިސްޓްރީން ނިންމާވާފައިވަނީ ވަޒީފާ ދޭން ޝައުޤުވެރިވާ ކުންފުނިތަކުގެ މައުލޫމާތު، ކުންފުނިތަކާ ގުޅިވަޑައިގެން އެއްކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވާ މީހުންނާބެހޭ ޑާޓާ ބޭސްއެއް އެކުލަވާލެއްވުމަށް ކަމަށެވެ. އަދި ދެފަރާތުގެ މަޢުލޫމާތު ބަދަލުކޮށްދެއްވައި، ވަޒީފާ ހޯއްދަވައިދެއްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަދަލު ގެންނަން ނިންމެވީ އެފަދަ މީހުންނަށް ވަޒީފާ ހޯއްދަވައިދެއްވުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދެއްވާ ކުންފުނިތަކަށް އަމާޒުކުރައްވައިގެން ޚާއްޞަ ޓްރެއިނިންގތަކެއް އެ މިނިސްޓްރީން ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާމިނަތު ޙުސައިން ޝަރީފް ވިދާޅުވިއެވެ.



ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ބައެއް އޮފީސްތަކާއި ކުންފުނިތަކުގައި ވަޒީފާއަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަން މޮނިޓަރ ކުރަމުންދާ ކަމަށެވެ. ޖެންޑަރ މިނިސްޓްރީން 15 މީހަކަށް ވަޒީފާ ހަމަޖައްސައިދެއްވާފައިވާއިރު، އާސަންދަ އޮފީހުގައި 11 މީހަކު ދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި އެސްޓިއޯގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރަމުންދެއެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް މިއަހަރުގެ ތެރޭގައި ވަޒީފާ ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާންކުރައްވާފައެވެ.