ޚަބަރު

ލިސްބަންގެ އިސްލާމީ މަރުކަޒުގައި ވަޅިން ހަމަލާދީ ދެ މީހުން މަރާލައިފި


ވިލާތުގެ ޤައުމެއް ކަމުގައިވާ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ހުންނަ އިސްލާމީ މަރުކަޒެއްގެ ތެރޭގައި ވަޅިން ހަމަލާދީ ދެ އަންހެނުން މަރައިލައިފިއެވެ. ވަޅިން ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުން މަރުވެފައިވާއިރު، ތިންވަނަ މީހާއަށް ވެސް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ.

މި ހަމަލާގައި ޒިންމާ ވަނީ އަފްޣާނިސްތާނުން ޕޯޗުގަލަށް ހިޖުރަކުރި މީހެއް ކަމުގައި ލިސްބަންގެ ފުލުހުން ބުންޏެވެ. އަދި، އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނަށް ހަމަލާދޭން އޭނާ މަސައްކަތްކުރި ކަމަށާއި، އޭނާ ހުއްޓުވީ ބަޑިން ހަމަލާދީގެން ކަމުގައި ފުލުހުން ބުނެއެވެ. އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ލިސްބަންގައި ހުންނަ އިސްމާޢީލީ މުސްލިމް ސެންޓަރުގައެވެ. މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިޔޯ ކޮސްޓާ ވިދާޅުވީ، އަފްޣާނިސްތާނު މީހާ އިސްލާމީ މަރުޒަކަށް ވަދެ އެ ތަނުގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މިއީ ކުރިން ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ނުބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގައި މަރައިލާފައިވާ ދެ އަންހެނުންނަކީ އިސްލާމީ މަރުކަޒުގައި މަސައްކަތްކުރާ ދެ މުވައްޒަފުން ކަމުގައި އެ ތަނުގެ އިސްވެރިޔާ ނާޒިމް އަޙުމަދު ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ މީހާއަކީ އިސްލާމީ މަރުކަޒުގައި ކިޔަވާ މީހެއް ކަމަށާއި، ހަމަލާދީ މަރައިލާފައި ވަނީ އޭނާއަށް އިނގިރޭސި ބަސް ކިޔަވައިދޭ މުދައްރިސާއި، އޭނާއާ އެކު އެއް ކްލާހެއްގައި ކިޔަވާ އެހެން މީހެއް ކަމުގައި ވެސް ނާޒިމް ވިދާޅުވިއެވެ.

ޕޯޗުގަލްގައި ދިރިއުޅޭ އަފްޣާނިސްތާނު ރައްޔިތުންގެ ޖަމާޢަތުގެ އިސްވެރިޔާ އޮމެދް ތައޭރީ ވިދާޅުވީ، ހަމަލާދީފައިވާ އަފްޣާނިސްތާނު މީހާއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ގްރީސް މަގުން ޕޯޗުގަލްއަށް ހިޖުރަކުރި މީހެއް ކަމުގައެވެ. އަދި، އެ ޤައުމަށް ހިޖުރަކުރަން ކުރި ދަތުރުމަތީގައި އޭނާގެ އަންހެނުން މަރުވުމާ ގުޅިގެން އޭނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމުގައި ތައޭރީ ވިދާޅުވިއެވެ.

10 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕޯޗުގަލްގައި އިސްމާޢީލީ ދަރިކޮޅުގެ 7,000 އަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. މީގެ ތެރޭގައި ގިނައީ މޮޒަމްބީކުގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް 1992 ވަނަ އަހަރު ޕޯޗުގަލްއަށް ހިޖުރަކުރި މީހުންނެވެ.

ދީނާ ގުޅޭ ހަމަނުޖެހުންތަކަކީ ޕޯޗުގަލްގައި ޢާންމު ކަމެއް ނޫނެވެ. އެ ޤައުމުގައި އެންމެ ފަހުން ޓެރެރިސްޓު ހަމަލާއެއް ދީފައި ވަނީ 1983 ވަނަ އަހަރުއެވެ. އެ ހަމަލާގައި ޒިންމާވަނީ އަރުމީނިޔާއަށް ނިސްބަތްވާ ފަސް ޓެރެރިސްޓުންނެވެ. ލިސްބަންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީއަށް އަމާޒުކޮށް ދިން އެ ހަމަލާގައި ދެ މީހުން މަރުވިއެވެ.