ޚަބަރު

ތައިވާނުގެ ރައީސް އެމެރިކާއަށް ވަޑައިގެންނެވުމުން ޗައިނާއިން އިންޒާރުދީފި


ތައިވާނުގެ ރައީސް ސައި އިންގް-ވެން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާ ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގެ އެއްވެސް އިސްވެރިޔާ ބައްދަލުކޮށްފި ނަމަ، އެ ކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ. ސައި މިހާރު ހުންނެވީ އެމެރިކާގެ ނިއު ޔޯކްގައެވެ. ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ނަމުގައި ސައި ފައްޓަވާފައިވާ މި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ ދަށުން ހިންގާ ޤައުމެއް ކަމުގައި ވީ ނަމަވެސް، ޗައިނާއިން ގަބޫލުކުރާ ގޮތުގައި އެއީ ޗައިނާގެ ބަޔެކެވެ. އަދި ޗައިނާއިން ގެންގުޅޭ "އެއް ޗައިނާ" ސިޔާސަތަށް އެއްބަސްވާ ޤައުމުތަކުން ތައިވާނުގެ އިސްވެރިންނާ ބައްދަލުކުރުމަކީ މަނާ ކަމެކެވެ. އެމެރިކާއިން ވެސް އެ ސިޔާސަތަށް އިޙުތިރާމުކުރި ނަމަވެސް، އެ ޤައުމުން ދަނީ ތައިވާނާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.

ސައިގެ ދަތުރުފުޅުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާއި އޭނާ ބައްދަލުކުރައްވައިފިނަމަ، އެ ކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ ޗައިނާއިން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. ނަމަވެސް، އެމެރިކާއަށް ވަޑައިގެންނެވުމުގެ ކުރިން ސައި ވިދާޅުވެފައި ވަނީ، ތައިވާނުން އެހެން ޤައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ވަކި ފަރާތަކަށް ހުރަސް ނޭޅޭނެ ކަމުގައެވެ. އަދި، ކުރިމަތިވާ ފިއްތުންތަކަށް ބޯނުލަނބާނެ ކަމުގައި ވެސް ސައި ވިދާޅުވިއެވެ.

ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ވަޑައިގެންނެވުމާ ގުޅިގެން ޗައިނާއިން ވަނީ ތައިވާނު ވަށައިލާ، އެ ޤައުމަށް ބިރު ދެއްކުމުގެ ގޮތުން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. ސައި ޤައުމުން ބޭރަށް ވަޑައިގެންނެވުމާ ގުޅިގެން ތައިވާނުގެ އަސްކަރިއްޔާ މި ވަގުތު އޮތީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، ޗައިނާގެ އަސްކަރިއްޔާގެ ހުރިހާ އަމަލުތަކެއް ވަރަށް ގާތުން ބަލަމުންދާ ކަމުގައި ތައިވާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

ސައި އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ ދެކުނު އެމެރިކާގެ ދެ ޤައުމެއް ކަމުގައިވާ ގުއަޓެމާލާއާއި ބެލީޒަށް ކުރައްވާ ދަތުރުފުޅެއްގެ މަގުމަތީގައެވެ. އެ ދެ ޤައުމަކީ ތައިވާނުގެ ޚާރިޖީ މިނިވަންކަން ބަލައިގަންނަ ދެ ޤައުމެވެ. ނިއު ޔޯކުން އޭނާ ދެން ވަޑައިގަންނަވާނީ ދެކުނު އެމެރިކާއަށެވެ. އަދި، އެނބުރި ތައިވާނަށް ވަޑައިގަންނަވާ ދަތުރުމަތީގައި އެމެރިކާގެ ލޮސް އެންޖެލެސްގައި މަޑުކޮށްލައްވާނެއެވެ. އަދި، މެކާތީއާ އޭނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ތައިވާނުން ވެސް އެމެރިކާއިން ވެސް އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ސައި އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދުވަސްވަރެއްގައެވެ. ޕެލޯސީ ތައިވާނަށް ވަޑައިގެންނެވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވަނިކޮށް ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާއިން ވައްޓައިލި މައްސަލައިގައި ދެ ޤައުމުގެ ގުޅުންތައް ވަނީ އިތުރަށް ގޯސްވެފައެވެ. އެ މައްސަލައިގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ވެސް ވަނީ ފަސްކޮށްފައެވެ.