ޢުމްރާގެ އަޅުކަން އަދާކުރަމުން ދިވެއްސަކު ނިޔާވެއްޖެއެވެ.
މައްކާގައި ނިޔާވެފައިވަނީ ސ. ހިތަދޫ ހިޖްރަ، އުމުރުން 68 އަހަރުގެ މުޙައްމަދު ރަފީޢުވެ. އޭނާގެ މައްޗަށް ކަޑު ނަމާދުކުރުން ޮއތީ މިއަދުގެ ފަތިސް ނަމާދަށްފަހު މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް މައްކާގެ މަސްޖިދުލް ހަރަމްގައެވެ.
އެނގިފައިވާ ގޮތުގައި ރަފީއު ނިޔާވީ ރޯގާ ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ.
މިއަހަރުގެ ރަމަޟާން އުމްރާ ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ ދިވެހިން މައްކާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިިންް އެއް ބަޔަކު މިހާރު ފުރާފައިވާއިރު ބާކީ ތިބި އެންމެ އަންނަ ހަފްތާގެ ތެރޭގައި ފުރުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރަމަޟާން ޢުމްރާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުންވެސް އެތައް ބަޔަކު ދަނީ މައްކާއަށް ދަތުރުކުރަމުންނެވެ. މައްކާއަށް ދާ މީހުން ގިނަވުމުން ސައުދީން ވަނީ ރަމަޟާންމަހު ޢުމްރާއަށް ދާ މީހުންނަށް ކުރެވޭނީ އެންމެ ޢުމްރާއެއްކަމުގައި ކަނޑައަޅާފައެވެ. އަދި މިގޮތަށް ކަނޑައެޅީ ރަމަޞާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ޝައުގުވެރިކަން ހުރި ގިނަ މީހުން ތިބުމާއެކު ލުއިފަސޭހަކަމާއެކު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވެސް ސައުދީން ބުނެއެވެ.