ޚަބަރު

180 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން އިންޑޮނީޝިޔާއަށް ހިޖުރަކޮށްފި


ރޮހިންޔާ ދަރިކޮޅު 184 ރެފިޔުޖީން އިންޑޮނީޝިޔާއަށް ހިޖުރަކޮށްފިއެވެ. އެއީ، މިޔަންމާއިން ފުރައިގެން މެލޭޝިޔާއަށް ހިޖުރަކުރަން މަސައްކަތްކުރި ބަޔެއް ކަމުގައި އިންޑޮނީޝިޔާގެ އޮފިޝަލުން ބުނެއެވެ. އެ ޤައުމަށް ހިޖުރަކޮށްފައިވާ 184 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާއިން ދަނީ އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންނެވެ. ރޮހިންޔާ މުސްލިމުން އެ ޤައުމު ދޫކޮށް ހިޖުރަކުރަން މަސައްކަތް ކުރަނީ، މިޔަންމާގައި ދިރިއުޅެން ޖެހިފައިވާ ނިކަމެތި ހާލުން ސަލާމަތްވުމަށެވެ.

ރޮހިންޔާ މުސްލިމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ބަންގްލަދޭޝަށް ވެސް ހިޖުރަކޮށްފައިވެއެވެ. 2017 ވަނަ އަހަރު އެކަނިވެސް 750,000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝަށް ދަތުރުކުރިއެވެ. އެ މީހުން ދިރިއުޅެމުން ދަނީ، ފުރި ބާރުވެފައިވާ ރެފިޔުޖީ ކޭމްޕުތަކުގައެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ ޢަދަދު މިހާރު މިލިޔަނަކަށް ވުރެ އިތުރުވާނެއެވެ.

އިންޑޮނީޝިޔާއަށް އެންމެ ފަހުން ހިޖުރަކުރި ރެފިޔުޖީން ބުނީ، އެ ޤައުމުގެ އެންމެ އިރުމަތީގައި އޮންނަ އީސްޓް އަޗޭއަށް އެ މީހުން އަރަން ޖެހުނީ ފަތާފައި ކަމުގައެވެ. އެ ރަށުގެ އައްސޭރިފަށަށް ބޯޓު ކައިރިކުރުމަށް ފަހު އެ މީހުން ކަނޑަށް ވައްޓައިލާފައިވާ ކަމުގައި އެ މީހުން ބުންޏެވެ. އަދި، އެއަށްފަހު އެ ބޯޓު ވަނީ ފިލާފައެވެ.

އީސްޓް އަޗޭއަށް ފަތާފައި އެރި ރޮހިންޔާ މުސްލިމުންގެ ތެރޭގައި ހިމެނެނީ 90 ފިރިހެނުންނާއި، 70 އަންހެނުންނާއި، 20 ކުޑަކުދިންނެވެ. މީގެ ތެރެއިން ފަސް މީހެއްގެ ޞިއްޙީ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައި ފުލުހުން ބުންޏެވެ. އަދި، އެހެން މީހުން ވަނީ މިސްކިތަކަށް ގެންގޮސް، ކާންބޯތަކެތި ފޯރުކޮށްދިފައެވެ.

އެ މީހުންނަށް ވަގުތީ ހިޔާވަހިކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާ (ޔޫ.އެން.އެޗް.ސީ.އާރް)އާއި، ހިޖުރަކުރާ މީހުންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ (އައި.އޯ.އެމް) އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑޮނީޝިޔާގެ ސަރުކާރުން ދަނީ މި ކަމުގައި އެ ދެ ޖަމުޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

2022 ވަނަ އަހަރު އެކަނިވެސް ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކަށް 2,000 އަށްވުރެ ރޮހިންޔާ ރެފިޔުޖީން ހިޖުރަކޮށްފައިވާ ކަމުގައި ޔޫ.އެން.އެޗް.ސީ.އާރް.އިން ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުން ފުރާފައި ވަނީ ބަންގްލަދޭޝުންނެވެ. މި ދަތުރު މަތީގައި 200 އަށްވުރެ ގިނަ ރެފިޔުޖީން ވަނީ މަރުވެފައެވެ.

ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ދާދިފަހުން ވަނީ ބަންގްލަދޭޝަށް ޒިޔާރަތްކޮށްފައެވެ. މިޔަންމާގެ އޮފިޝަލުންގެ ވަފުދުން ކުރި ދަތުރުގައި، ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިޔުޖީންނާ ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައިވާ ކަމުގައި ބަންގްލަދޭޝުން ބުންޏެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުގެ ދުއްތުރާތަކުން ސަލާމަތްވުމަށް އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ބަންގްލަދޭޝަށް ހިޖުރަކުރި ނަމަވެސް، އެ މީހުން އެ ޤައުމުގައި ވެސް ރެފިޔުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ.