ޚަބަރު

7 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


7 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި، 7 ލައްކަ ރުފިޔާއަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުކަމަށެވެ.

މި މައްސަލައިގެ ތުޙުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅުނު ތަން ބަލައި ފާސްކޮށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.