ޚަބަރު

ޒެލެންސްކީއާއި ގްރޮސީ ޒަޕޮރީޜިޔާގައި ބައްދަލުކުރައްވައިފި


ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާއި އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮސީ ބައްދަލުކުރައްވައިފިއެވެ. ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ގްރޮސީ ޔޫކްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ޤައުމުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައެވެ.

ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކީ ވިލާތުގެ ޤައުމެއްގައި ހުންނަ އެންމެ ބޮޑު ޕްލާންޓެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ޒަޕޮރީޜިޔާއަށް އަތްގަދަކޮށްފައިވުމުގެ ސަބަބުން އެ ޕްލާންޓު ވެސް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ.

ގްރޮސީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ ސިފައިންގެ އަތްދަށުގައި ނިއުކްލިޔަރ ޕްލާންޓް އޮތުމުގެ ސަބަބުން އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރަސްއެޅިފައިވާ ކަމުގައެވެ.

"ނިއުކްލިޔަރ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ރަޝިޔާ ސިފައިން މި ސަރަޙައްދުން ފޭބުމުން. ރަޝިޔާ ސިފައިން އެތަނުގައި ތިބިހާ ދުވަހަކު، ނިއުކްލިޔަރ ކާރިސާއެއް ހިނގުމުގެ ނުރައްކާތެރިކަމާއި ބިރު އެބައޮތް،" ގްރޮސީ ގާތު ޒެލެންސްކީ ވިދާޅުވިއެވެ. ޒެލެންސްކީއާއި ގްރޮސީ ބައްދަލުކުރައްވާފައި ވަނީ، ނިއުކްލިޔަރ ޕްލާންޓަށް ގްރޮސީ ޒިޔާރަތް ކުރެއްވުމުގެ ކުރިންނެވެ.

"ޒެލެންސްކީއާ އެކު ޒަޕޮރީޜިޔާގައި ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ އެ ރަށުގައި ހުންނަ ނިއުކްލިޔަރ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުން. އަދި، އެ ކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުން. މި ކަމުގައި އައި.އޭ.އީ.އޭ.ގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ،" ގްރޮސީ ވިދާޅުވިއެވެ.

މިއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި، އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކުރި ފަހުން ގްރޮސީ ޒަޕޮރީޜިޔާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މި ހަފުތާގެ ފަހުކޮޅު ގްރޮސީ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ ހާލަތު ބައްލަވައިލައްވާނެއެވެ.

ޒަޕޮރީޜިޔާއަށް ޒެލެންސްކީ ކުރެއްވި ދަތުރުފުޅުގައި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޔޫކްރެއިނުގެ ސިފައިންގެ ފައުޖުތަކާ ވެސް އޭނާ ބައްދަލުކުރެއްވިއެވެ. ޔޫކްރެއިނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ އެ މީހުންގެ ހިތްވަރާއި މަސައްކަތާ އެކު ޔޫކްރެއިނަށް ހަނގުރާމަގައި ނަޞްރު ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ.

ޒަޕޮރީޜިޔާއަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ ވަނީ ރަޝިޔާއިން ދީފައިވާ ވަރުގަދަ ހަމަލާތަކުގައި އެ ރަށަށް ލިބިފައިވާ ގެއްލުންތައް ވެސް ބައްލަވައިލައްވާފައެވެ. ޒަޕޮރީޜިޔާއަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ ދެކުނުގައިވާ ޚާރްސަންއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އެއީ ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާއިން އަތްދަކުރި ސަރަޙައްދެކެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިން ވަނީ އެ ސަރަޙައްދު މިނިވަންކޮށްފައެވެ.