ޚަބަރު

ޔޫކްރެއިނުގެ ސްލޮވިއާންސްކަށް ހަމަލާދީ ދެ މީހުން މަރާލައިފި


ޔޫކްރެއިނުގެ އިރުމަތީގައިވާ ރަށެއް ކަމުގައިވާ ސްލޮވިއާންސްކަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި އެ ރަށުގެ ޢާންމުންގެ ދެ މީހުން މަރުވެއްޖެއެވެ. ސްލޮވިއާންސްކްއަކީ ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ދެ ސަރަޙައްދުގެ ތެރެއިން ޑޮނެޓްސްކުގައި އޮންނަ ރަށެކެވެ. އެ ރަށަށް ދިން ހަމަލާތަކުގައި 32 މީހުން ޒަޚަމުވިއެވެ.

ސްލޮވިންސްކަށް ރަޝިޔާއިން ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ހަމަލާތަކުގައި މަރުވެފައި ވަނީ ދެ ކާރެއްގައި ދަތުރުކުރަމުންދިޔަ ދެ މީހެކެވެ. އެ މީހުން މަރުވީ، މަގުމަތީގައި ދަތުރުކުރަމުން ދަނިކޮށް ރަޝިޔާއިން ޢިމާރާތްތަކަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކަކާ ގުޅިގެން ކަމުގައި އެ ސަރަޙައްދުގެ ފުލުހުން ބުނެއެވެ.

"އެސް-300" މަރުކާގެ މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ދިން ހަމަލާތަކުގައި ޒަޚަމުވި 32 މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިޔަސް ކަމުގައި ސްލޮވިއާންސްކުގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، މިސައިލް ހަމަލާތަކުގައި އެ ރަށުގެ ޢިމާރާތްތަކާއި މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ހަމަލާތަކުގައި ގެއްލުން ލިބުނު ތިން ބުރީގެ އެއް ޢިމާރާތަކީ ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ އޮފީހުގެ ޢިމާރާތެއް ކަމުގައި ސްލޮވިއާންސްކުގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، އެ ތަން މިހާރު ބޭނުންކުރަމުން ދަނީ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި ކަމަށާއި، ރަޝިޔާއިން އެ ތަނަށް ހަމަލާދީފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކަށް ޞިއްޙީ ފަރުވާދެމުން ދިޔަ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ސްލޮވިއާންސްކްއަކީ ބަޚްމުތާ އެންމެ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ބަޚްމުތު ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ އަށް ވަރަކަށް މަސް ކުރިންނެވެ. ބަޚްމުތަކީ މިހާރު އެންމެ ބޮޑަށް ހަނގުރާމަ ކުރަމުންދާ ސަރަޙައްދެވެ. އެ ރަށުގެ 70 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ އަތްދަށުގައި ކަމަށް ވެގްނަރ ގުރޫޕުން ބުނެއެވެ. ވެގްނަރ ގުރޫޕަކީ ހަނގުރާމަ ކުރީ ސަފަށް ރަޝިޔާއިން ފޮނުވާފައިވާ ކުލީ ސިފައިންގެ ގުރޫޕެވެ.

ސްލޮވިއާންސްކަށް ދީފައިވާ ހަމަލާތަކަކީ ޓެރެރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ. އަދި، މި ފަދަ ހަމަލާތަކަށް ދުވަހަކު ވެސް މަޢާފު ނުކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ސްލޮވިއާންސްކުގެ އިތުރުން ޑޮނެޓްސްކުގެ އެހެން ރަށެއް ކަމުގައިވާ ދްރުޒްކިވްކާއަށް ވެސް ރަޝިޔާއިން ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން އެއް ހަމަލާ އަރާފައި ވަނީ ޔަތީމު ކުދިން ބަލަހައްޓާ މަރުކަޒަކަށެވެ.

ޑޮނެޓްސްކުގެ ބޮޑު ބައެއް މިހާރު އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި ނަމަވެސް، އެ ސަރަޙައްދު މުޅިން ހިފޭ ގޮތެއް އަދި ނުވެއެވެ. ޑޮނެޓްސްކުގެ އިތުރުން ދޮންބާސްގައި ދެން އޮންނަ ލުހާންސްކާއި، ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ވެސް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އެ ސަރަޙައްދުތަކަށް އަރައި ތިބި ރަޝިޔާއިން އިސްތިއުމާރީ ސިފައިން ފަހަތަށް ޖައްސައި، އެ ރަށްތައް މިނިވަންކުރުމަށް ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.