ޚަބަރު

ނިއުކްލިޔަރ ބޮން ހަދަން ބޭނުންވާ ސާމާނު އުފެއްދުން އުތުރު ކޮރެޔާއިން ހަލުވިކުރަނީ


ނިއުކްލިޔަރ ހަތިޔާރު ހަދަން ބޭނުންވާ ޔުރޭނިއަމާއި އެ ފަދަ މާއްދާތަކާއި އާލާތްތައް އުފެއްދުމާއި ތައްޔާރުކުރުން ހަލުވިކުރުމަށް އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކަށް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ، އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރާ ބެހޭ އިދާރާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ނިއުކްލިޔަރ ހަތިޔާރު ހަދަން ބޭނުންވާ ސާމާނު އުފައްދާ ދުވެލި ހަލުވިކުރުމަށް ކިމް ގޮވައިލައްވާފައި މި ވަނީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް. ނިމިޓްޒްއާއި އެއާއެކު ދަތުރުކުރާ ސްޓްރައިކް ގުރޫޕުގެ މަނަވަރުތަކާއި ސަބްމެރިންތައް ދެކުނު ކޮރެޔާއާ ދިމާލަށް ދަތުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނިއުކްލިޔަރ ހަތިޔާރާ ބެހޭ އިދާރާގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ކިމް ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރުތަކަކީ ބާރުގަދަ ހަތިޔާރުތަކަކަށް ހެދުމަށް ގޮވައިލައްވާފައެވެ. އަދި، ދުނިޔޭގެ ކޮންމެ ތަނަކަށް، ބޭނުންވާ ކޮންމެ ވަގުތަކު ނިއުކްލިޔަރ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހޯދުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

"އުތުރު ކޮރެޔާގެ ނިއުކްލިޔަރ ގާބިލުކަން މުޅި ދުނިޔެއަށް ފެނުމުން، މި ޤައުމުގެ ދުޝްމަނުން ފަހަތަށް ޖެހޭނެ. އަދި، އުތުރު ކޮރެޔާގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލާނެ،" ކިމް ވިދާޅުވިއެވެ. މިހާރު އުތުރު ކޮރެޔާއަކީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި ކިމް ވަނީ ދާދިފަހުން ސިފަކުރައްވާފައެވެ. އަދި، އެއީ ބަދަލު ނުކުރެވޭނެ ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އުތުރު ކޮރެޔާއިން ދަނީ އެ ޤައުމުގެ އަސްކަރީ އަދި ނިއުކްލިޔަރ ގާބިލުކަން އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ކަނޑު އަޑީގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް ވަނީ ޓެސްޓުކޮށްފައެވެ. އެ ޑްރޯނަކީ ނިއުކްލިޔަރ ހަމަލާއެއް ދިނުމަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

ނިއުކްލިޔަރ ބޮމެއް އުފުލުމުގެ ގާބިލުކަން ހުރި ގިނަ ޢަދަދެއްގެ ހަތިޔާރުތައް އުތުރު ކޮރެޔާއިން ފަހަކަށް އައިސް ވަނީ އުފައްދައި، ދައްކައިލާފައެވެ. މީގެ ބޭނުމަކީ، އުތުރު ކޮރެޔާއަށް ހަމަލާދިނުމާ ދެކޮޅަށް އެހެން ޤައުމުތަކަށް އިންޒާރުދިނުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް، މި އިންޒާރު އަމާޒުކޮށްފައި މި ވަނީ އެމެރިކާއާއި ދެކުނު ކޮރެޔާއަށެވެ.

އުތުރު ކޮރެޔާގެ އަސްކަރީ ގާބިލުކަމާ ގުޅޭ ގޮތުން މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމުގައިވާ ކާނެގީ އެންޑަވްމެންޓް ފޮރ އިންޓަރނޭޝަނަލް ޕީސްގެ އިސް އޮފިޝަލެއް ކަމުގައިވާ އަންކިތް ޕެންޑާ ބުނީ، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ބޮމެއް އުފުލޭނެ، އަދި ނިއުކްލިޔަރ ހަމަލާއެއް ދެވޭނެ ގިނަ ގޮތްތަކެއް ހޯދާފައިވާ ކަމުގައެވެ. މީގެ ތެރޭގައި މިސައިލާއި، ރޭލާއި، ސަބްމެރިންއާއި، މޯބައިލް މިސައިލް ލޯންޗަރ ހިމެނެއެވެ. އަދި، މިހާރު މި ވަނީ ކަނޑު އަޑީގެ ޑޮރޯނެއް ނުވަތަ ޓޯޕީޑޯއެއް ވެސް އުފައްދާފައެވެ.