ޚަބަރު

އެކުއެޑޯގައި ބިންގަނޑު ކެޑި ހަތް މީހުން މަރުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ އެކުއެޑޯއަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ޗިމްބޮރަޓްޒޯ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ އަލާއުސީގައެވެ. މި ހާދިސާގައި ކިސަޑުތަކުގެ ދަށުވެ 50 އެއްހާ މީހުން ގެއްލިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

އެކުއެޑޯގެ ވެރިރަށް ކީޓޯގެ 300 ކިލޯމީޓަރު ދެކުނުން އޮންނަ އަލާއުސީގައި ހިނގި މި ހާދިސާގައި ގިނަ ޢަދަދެއްގެ ގެދޮރު ކިސަޑުތަކުގެ ދަށުގައި ވަޅުލެވުނެވެ. މި ހާދިސާގައި 23 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ފަރުވާދޭން ޖެހުނު ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ޢިމާރާތްތަކާއި ކިސަޑުތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް އޮފިޝަލުންނާއި އަލާއުސީގެ ޢާންމު ރައްޔިތުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އަލާއުސީއަކީ 45,000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ ބިންގަނޑު ކެނޑުނު ހާދިސާގައި ޢާންމު ޚިދުމަތްދޭ ޢިމާރާތްތަކާއި މަގުތަކާއި ސްކޫލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ސަރަޙައްދުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ އިތުރު ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ.

އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ރަށާ އިންވެގެން އޮތް ސަރަޙައްދުތަކުން އަލިފާން ނިއްވާ މީހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ފޮނުވާފައިވާ ކަމަށް އެކުއެޑޯގެ ރައީސް ގިޔެރްމޯ ލެޓްސޯ ވިދާޅުވިއެވެ. އަދި، ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.

އެކުއެޑޯގެ ފުލުހުންނާއި ސިފައިން ޓީމުތަކުގެ އިތުރުން ޞިއްޙީ ވުޒާރާއި ރެޑް ކްރޮސްގެ ޓީމުތަކުން ވެސް މިހާރު ދަނީ އަލާއުސީގައި ހަރަކާތްތެރިވަމުންނެވެ. ބިންގަނޑު ކެނޑި ގެދޮރު ހަލާކުވެފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް ޓެންޓު ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި އަހަރު ފެށުނީއްސުރެ އެކުއެޑޯގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަލާއުސީގައި ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ ވެސް ބޯކޮށް ވާރޭވެހުމާ ގުޅިގެންނެވެ. އެކުއެޑޯއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މި އަހަރުގެ މިހާތަނަށް 22 މީހުން ވަނީ މަރުވެފައެވެ. އަދި 72 ގެއެއް ވަނީ ސުންނާފަތިވެފައެވެ. އަދި، ގެއްލުން ލިބިފައިވާ ގެތަކުގެ ޢަދަދު 6,900 އަށް އަރައެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެކުއެޑޯގެ ހުޅަނގުދެކުނުގައިވާ ސަރަޙައްދަށް ވަނީ ބާރުގަދަ ބިންހެލުމެއް ވެސް އައިސްފައެވެ. އެ ބިންހެލުމާ ގުޅިގެން 15 މީހުން މަރުވެފައިވާއިރު، ބިންހެލުމާ އެކު 22 ސަރަޙައްދެއްގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެލް އޯރޯއާއި އެޒުއޭ ޕުރޮވިންސަށެވެ. ބިންހެލުމާ ގުޅިގެން އެކުއެޑޯގެ 13 ޕުރޮވިންސެއްގައި މިހާރު އޮތީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ.