ދުނިޔެ

އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ފެށިއްޖެ


އިރާނުގެ އާ ޤާނޫނު ހަދާ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ.

މިއީ ހުޅަނގުން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، މިދިޔަ އަހަރު އިރާނާއި ދުނިޔޭގެ ބާރުތަކުން އެއްބަސްވި ނިއުކްލިއަރ މުޢާހަދާގެ ދަށުން، އުވާލިފަހުން އެޤައުމުގައި ބޭއްވޭ ފުރުތަމަ އިންތިޚާބެވެ.

މި އިންތިޚާބުގައި ރައީސް ޙަސަން ރޫޙާނީއަށް ތާއީދުކުރާ ފަރާތްތަކަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާކޮށްފައިވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ ރޫޙާނީއަށް ތާއީދުކުރާ ފަރާތްތަކަށް ލިބިއްޖެނަމަ، މިހާރު މަޑުޖެހިލާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އިތުރު ފުރުޞަތެއް ރޫޙާނީގެ ސަރުކާރަށް ލިބޭނެއެވެ.

މި އިންތިޚާބުގައި ހަ ހާހަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.

މިއިންތިޚާބުން އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެ އިތުރުން އެޤައުމުގެ އެސެންބްލީ އޮފް އެކްސްޕާރޓްސްގެ 88 މެންބަރުން ހޮވިގެން ދާނެއެވެ. އެސެންބްލީ އޮފް އެކްސްޕާޓްސްއަކީ އީރާނުގެ އެންމެ އިސް ވެރިޔާ ހޮވުމުގެ ބާރު ލިބިފައިވާ މަޖިލީހެވެ.