ޚަބަރު

އެމެރިކާގެ ސްކޫލަކަށް ޙަމަލާދީ ތިން ކުޑަކުދިންނާއި އިތުރު ތިން މީހުން މަރާލައިފި


އެމެރިކާގެ ދެކުނުގައިވާ ޓެނެސީ ސްޓޭޓްގެ ނޭޝްވިލްގައި ހުންނަ ޕްރައިމަރީ ސްކޫލަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި ނުވަ އަހަރުގެ ތިން ކުޑަކުދިންނާއި އިތުރު ތިން މީހުން މަރުވެއްޖެއެވެ. ހަމަލާދީފައިވާ ދަ ކޮވެނެންޓް ސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް ހަޔަކާއި ހަމައަށް 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.

އުމުރުން ނުވަ އަހަރުގެ ތިން ކުދިން މަރުވެފައި ވަނީ، އެ ކުދިންގެ ހަށިގަނޑަށް ވަޒަން އެރުމުގެ ސަބަބުން ކަމުގައި ނޭޝްވިލްގެ ފުލުހުން ވިދާޅުވެއެވެ. އަދި، އެ ސްކޫލް ކައިރީގައި ހުންނަ މޮންރޯ ކެރެލް ޖޫނިއަރ ކުޑަކުދިންގެ ހޮސްޕިޓަލަށް އެ ކުދިން ގެންދިޔަ އިރު ވެސް އެ ކުދިން ވަނީ މަރުވެފައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބަޑީގެ ހަމަލާތަކުގައި މަރުވި ތިން ބޮޑެތި މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އެ މީހުންނަކީ ސްކޫލްގައި ކޮން ވަޒީފާއެއް އަދާކުރާ ބަޔެއްކަން އަދި ސާފެއް ނޫނެވެ. ސްކޫލަށް ހަމަލާދީފައި ވަނީ އުމުރުން 28 އަހަރުގެ އޯޑްރީ ހޭލް ކިޔާ މީހެއް ކަމުގައި ނޭޝްވިލްގެ ފުލުހުން ބުނެއެވެ. ބަޑީގެ ހަމަލާތައް ހުއްޓުވަން އެތަނަށް އައި ފުލުހުން ދިން ހަމަލާތަކެއްގައި ހޭލް ވަނީ ޒަޚަމުވެފައެވެ.

ހޭލްއަކީ އެ ސްކޫލްގެ މުސްކުޅި ދަރިވަރެއް ކަމަށް ބެލެވޭ ކަމުގައި ނޭޝްވިލްގެ ފުލުހުން ވިދާޅުވެއެވެ. އޭނާ ސްކޫލަށް ހަމަލާދިނުމަށް ވަދެފައި ވަނީ ގިނަ ޢަދަދެއްގެ ހަތިޔާރާ އެކުގައެވެ. އޭގެ ތެރޭގައި އެސޯލްޓް ރައިފްލްއަކާއި ދެ ފިސްތޯލަ ހިމެނޭ ކަމުގައި ފުލުހުން ވިދާޅުވެއެވެ. އޭނާ ހަމަލާދީފައި ވަނީ ސްކޫލްގެ ރިސެޕްޝަން ހުންނަ ސަރަޙައްދަށެވެ. ސްކޫލުގައި ބަޑީގެ ހަމަލާތައް ދިން ވަގުތަކީ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް ސްކޫލްގައި ތިބި ވަގުތެކެވެ.

ނޭޝްވިލްގެ މޭޔަރު ޖޯން ކުޕަރ ވަނީ، މި ހަމަލާގައި މަރުވި ކުދިންނާއި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އެމެރިކާގައި ސްކޫލްތަކަށް އަމާޒުކޮށްދޭ މި ފަދަ ބަޑީގެ ހަމަލާތައް ފަހަކަށް އައިސް ވަނީ ޢާންމުވެފައެވެ. ހުސްވި 2022 ވަނަ އަހަރު ވެސް ޕްރައިމަރީ ސްކޫލެއްގައި މި ފަދަ ހަމަލާއެއް ދީފައިވެއެވެ. ޓެކްސަސްގެ އުވާލްޑޭގައި ދިން ހަމަލާގައި 19 ދަރިވަރުންނާއި ދެ ޓީޗަރުން މަރުވިއެވެ.

މި އަހަރުގެ ފެބުރުވަރީ މަހު މިޝިގަން ސްޓޭޓް ޔުނިވަރސިޓީގައި ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާގައި ތިން ދަރިވަރުން މަރުވެ، އިތުރު ފަސް ދަރިވަރުން ޒަޚަމުވިއެވެ. މި އަހަރުގެ މިހާތަނަށް އެމެރިކާގެ ސްކޫލްތަކުގައި ބަޑިޖެހުމުގެ ތަފާތު 128 ހާދިސާ ހިނގާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 2020 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ކޮންމެ އަހަރަކު ވެސް އެވުރެޖުކޮށް 600 އަށްވުރެ ގިނަ މި ފަދަ ހާދިސާ ހިނގައެވެ. 2022 ވަނަ އަހަރު ބަޑިޖެހުމުގެ 646 ހާދިސާ ހިނގާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.