ޚަބަރު

ރޯދައާއި ކަދުރާ އޮންނަ ގުޅުން


ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްގެ ގާތުގައި ރަމަޟާން މަސް ރަމުޒުކޮށްދޭ މޭވާއަކީ ކޮބާތޯ އަހައިފިނަމަ ކަރައޭ ބުނެފާނެއެވެ. އެއީ ޒަމާނުއްސުރެ ރަމަޟާން މަހާ ދިމާކޮށް ދިވެހިރާއްޖޭގައި ކަރާ ހައްދާތީކަމަށްވުން އެކަށީގެންވެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމެއްގެ މީހެއްގެ ގާތުގައި އެ ސުވާލު އަހައިފިނަމަ ޖަވާބު ތަފާތުވާނެއެވެ. ދުނިޔޭގެ އެހެން ޤައުތަކުގައި އިސްލާމުދީނާއި ކަދުރުވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެ ގޮތުން ސުންނަތުގައި އޮންނަ ގޮތަށް ރޯދަވީއްލުމަށް ކަދުރު ބޭނުންކުރުމުގެ އިތުރުން ތަފާތު ފޮނިކާތަކެތި ހެދުމަށްވެސް ކަދުރު ބޭނުންކުރެއެވެ. ނަމަވެސް ރަމަޟާން މަހުގެ އާދަކާދައިގެ މުޙިއްމު ބަޔަކަށް ކަދުރުވީ ކިހިނެތް ހެއްޔެވެ؟

އެންމެ ފަސޭހައިން ކަދުރު ރުއް ހެއްދޭ ސަރަޙައްދުތަކުގެ ތެރޭގައި މެދުއިރުމައްޗާއި އުތުރު އެފްރިކާއާއި މެދުތެރޭ އެފްރިކާއާއި ދެކުނު އޭޝިޔާއާއި އިރުމަތީ އޭޝިޔާ ހިމެނެއެވެ. އެ ސަރަޙައްދުތަކުގެ ޤައުމުތަކުގައި ގިނައިން ދިރިއުޅެނީ މުސްލިމުންނެވެ. އެންމެ ގިނައިން ކަދުރު ހައްދާ ޤައުމުތަކުގެ ތެރޭގައި މިޞްރާއި ސަޢުދީ ޢަރަބިއްޔާ ހިމެނެއެވެ. ތާރީޚީ ޢިލްމުވެރިން ބުނާ ގޮތުގައި ދުނިޔޭގައި ކަދުރު ހައްދާތާ 8،000 އަހަރުވެދާނެއެވެ. އެ ގޮތުން 200 ވައްތަރުގެ ކަދުރު ހައްދާކަމަށްވެއެވެ. އެކި ވައްތަރުގެ ކަދުރު ހުންނަނީ އެކި ގޮތަށެވެ. އަދި އެކި ކަދުރުގެ ރަހަވެސް ތަފާތެވެ. އޭގެ ތެރެއިން އެންމެ މޮޅީ އަޖުވާ ކަދުރެވެ. އެ ބާވަތުގެ ކަދުރާ ގުޅޭގޮތުން ޙަދީޘްވެސް ރިވާވެގެން އައިސްފައިވެއެވެ.

ދުނިޔޭގައި ކަދުރުގެ މަޤުބޫލުކަން ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި އިންތިހާއަށް އިތުރުވެއެވެ. އެ ގޮތުން ބާޒާރުން ކިލޯ ކިރައިގެން ކަދުރު ގަނެގެން ގެޔަށް ގެނެސް ބަހައްޓައެވެ. އަދި މުޅި ރަމަޟާން މަހު ހުސްނުވެ ގޭގައި ކަދުރު ލިބެން ހުރެއެވެ. ދިވެހިރާއްޖޭގައިވެސް ކަން ހިނގާ ގޮތަކީ އެއީއެވެ. ކަދުރަކީ ޞިއްޙީ އެތައް ފައިދާއެއް އެކުލެވޭ ގިނަ އިރުތަކަށް ހަށިގަނޑުގައި ވަރުޖައްސުވާދޭ މޭވާއެކެވެ. ކަދުރުގައި ގިނަ ޢަދަދެއްގެ ހަކުރާއި ފައިބަރާއި ކާބޯހައިޑުރޭޓްސްސާއި މެގްނީސިއަމާއި ޕޮޓޭސިއަމުފަދަ ފައިދާހުރި ވިޓަމިންސް އެކުލެވިގެންވާތީ ހަށިގަންޑަށް އެންމެ ފައިދާބޮޑީ ކަދުރުން ރޯދަވީއްލުމެވެ. ސުންނަތް ގޮތަކީވެސް އެއީއެވެ.

ޤުރުއާނުގައި ކަދުރުގެ ވާހަކަ 22 ފަހަރު އައިސްފައިވެއެވެ. ޤުރުއާނުގައި އެންމެ ގިނައިން އައިސްފައިވާ މޭވާގެ ނަމަކީވެސް ކަދުރެވެ. އަދި މުޙައްމަދު ﷺ އެންމެ ލޯބިފުޅުވި މޭވާއަކީވެސް ކަދުރެވެ. އަދި ގިނައިން ކަދުރު ފަރިއްކުޅުވާ ސަޙާބީންވެސް އެ މަގުން ޢަމަލުކުރެއްވުމަށް އެކަލޭގެފާނު ބާރުއެޅުއްވިއެވެ. އޭގެ 1،400ގެ އެތައް އަހަރެއްފަހުންވެސް މުސްލިމުން ޢަމަލުކުރަމުންދަނީ އެ ސުންނަތާ އެއްގޮތަށްށެވެ. އިސްލާމުދީނުގައި ކަދުރަށް މަތިވެރި ދަރަޖައެއްވަނީ ދީފައެވެ. ރަމަޟާން މަހުގެ ތެރޭގައި ކަދުރު ކެއުން އިތުރުވި ނަމަވެސް މުޅި އަހަރުގެ ތެރޭގައިވެސް ކަދުރަށް އަޙައްމިޔަތުކަމެއް ދެއެވެ.

ރަމަޟާން މަހާއި ކަދުރާ އޮންނަ ގުޅުން ބޮޑުވެ ރޯދަ ވީއްލުމަށް ކަދުރު ބޭނުންކޮށްގެން ކާތަކެތިވެސް ތައްޔާރުކުރެއެވެ. އެ ގޮތުން ކަދުރު ފަޅާލުމަށްފަހު އެތެރެއަށް ހިކި މޭބިސްކަދުރާއި އެކި ވައްތަރުގެ ބަދަން އެޅުމުގެ އިތުރުން ބޭރުގައި ޗޮކްލެޓުލައިގެން ކެއުމަކީ ޢާއްމުވެ މަޤުބޫލުކަން ލިބިފައިވާ ކަންކަމެވެ. އަދި އެއީ ހަދިޔާގެ ގޮތުގައި ދިނުމަށްވެސް އެންމެ ކަމުދާ އެއްޗަކަށްވަނީ ވެފައެވެ.