ޚަބަރު

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓުކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލްތަކެއްގެ ޓެސްޓު ހަދައިފިއެވެ. ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ، އުތުރު ކޮރެޔާގެ އިރުމަތީ ކަނޑުގެ ސަރަޙައްދާ ދިމާލަށް ދެ ބެލިސްޓިކް މިސައިލް ފޮނުވައިލާފައިވާ ކަމުގައެވެ. އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ދެކުނު ކޮރެޔާއާ ދިމާލަށް ދަތުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އުތުރު ކޮރެޔާގެ ނޯތް ހުވަންގޭ ޕުރޮވިންސުން އުދުއްސައިލި ދެ ބެލިސްޓިކް މިސައިލަކީ ކުރު ރާސްތާގެ ދެ މިސައިލު ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. ދެ މިސައިލު ވެސް 370 ކިލޯމީޓަރު ދުރަށް ދަތުރުކުރި ކަމުގައި ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭ.އެސް.ސީ) އިން ބުނެއެވެ. ދެ މިސައިލު ވެސް ވެއްޓިފައި ވަނީ ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު ކައިރިން ކަނޑަށެވެ.

އުތުރު ކޮރެޔާއިން އިތުރު މިސައިލްތަކެއް ޓެސްޓު ހެދުމާ ގުޅިގެން ދެކުނު ކޮރެޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މިއީ އ.ދ.ގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ހިންގަމުންދާ އަމަލުތަކެއް ކަމިގައި ދެކުނު ކޮރެޔާއިން ބުނެއެވެ. އަދި، މި ފަދަ އަމަލުތައް ވަގުތުން ހުއްޓައިލުމަށް ވެސް ދެކުނު ކޮރެޔާއިން ވަނީ ގޮވައިލާފައެވެ.

"އުތުރު ކޮރެޔާއިން ހިންގަމުންދާ މި ފަދަ އަމަލުތަކާ ގުޅިގެން ދެކުނު ކޮރެޔާ އޮތީ ތައްޔާރީ ހާލަތަކަށް ގެނެސްފައި. އަދި، އުތުރު ކޮރެޔާގެ އަމަލުތައް ވަރަށް ގާތުން ބަލަމުން ދާނަން. އަދި، ރައްދު ދޭން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ދެކުނު ކޮރެޔާއިން އެ ހާލަތަކާ އެކަށޭނަ ގޮތަކަށް ރައްދު ދޭނެ،" ދެކުނު ކޮރެޔާގެ ޖޭ.އެސް.ސީ.އިން ބުންޏެވެ.

ޖަޕާނުން ވެސް ވަނީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޖަޕާނުން ބުނީ، މި ފަދަ ޓެސްޓުތަކުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމުގައެވެ. އަދި، ސަރަޙައްދީ ސުލްޙަމަސަލަސް ކަމަށް ނުރައްކާވެފައިވާ ކަމުގައި ވެސް ޖަޕާނުން ބުންޏެވެ.

މާރިޗު 22 ވަނަ ދުވަހު ވެސް އުތުރު ކޮރެޔާއިން ވަނީ ކްރޫޒް މިސައިލްތަކެއް ޓެސްޓުކޮށްފައެވެ. މިއީ، ނިއުކްލިޔަރ ހަމަލާއެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކޮރެޔާއިން ހިންގަމުންދާ ތަމްރީނުތަކެއް ކަމުގައި އެ ޤައުމުން ބުންޏެވެ. އެމެރިކާއާއި ދެކުނު ކޮރެޔާއިން ބުނީ، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރެއް ޓެސްޓު ކުރުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އުތުރު ކޮރެޔާއިން އެންމެ ފަހުން ނިއުކްލިޔަރ ޓެސްޓެއް ހަދާފައި ވަނީ 2017 ވަނަ އަހަރުއެވެ.

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު – ޔޫ.އެސް.އެސް. ނިމިޓްޒް ދެކުނު ކޮރެޔާއަށް ދަތުރު ކުރަމުން ދަނީ، އެމެރިކާއާއި ދެކުނު ކޮރެޔާއާ ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށެވެ. އަދި، ތަމްރީނުތައް ނިމުމުން، އެ މަނަވަރާއި، އެއާއެކު ދަތުރުކުރާ ސްޓްރައިކް ގުރޫޕުގެ އިތުރު މަނަވަރުތައް ދެކުނު ކޮރެޔާގެ އިރުދެކުނުގައިވާ ބަނދަރުމަތީ ރަށް – ބޫސާންގައި ބަނދަރުކުރާނެއެވެ.