ޚަބަރު

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމާ ދެކޮޅުވުމުން އިސްރާއީލުގެ ދިފާޢީ ވަޒީރު ވަކިކޮށްފި


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިސްނަގައިގެން އެ ޤައުމުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް ގޮވާލުމުން، އެ ޤައުމުގެ ދިފާޢީ ވަޒީރު ޔައޮވް ގަލަންޓް އެ މަޤާމުން ވަކިކޮށްފިއެވެ. ނަތަންޔާހޫ އަޑީގައި ހުރެގެން އިސްރާޢީލުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ހިންގަމުންދާ މަސައްކަތްތަކަކީ، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލާ، އޭނާ މަޤާމުން އަޒުލުކުރުމުގެ ފުރުޞަތު ހަނިކުރުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެކެވެ.

މި ކަމާ ދެކޮޅަށް އިސްރާޢީލުގެ ޢާންމު ރައްޔިތުން ތެދުވެ، މުޒާހަރާކުރަމުންދާތާ މިހާރު އެތަކެއް ހަފުތާއެއް ވެއްޖެއެވެ. ޖައްބާރު ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން އެ އަޑު އަހާފައެއް ނުވެއެވެ. ނަމަވެސް، ޖައްބާރު ނަތަންޔާހޫގެ އަމަލުތަކާ ދެކޮޅަށް އޭނާގެ ސަރުކާރުގައި ދިފާޢީ ވަޒީރު ކަމުގެ މަޤާމު ފުރާ ގަލަންޓް މި ވަނީ ތެދުވެފައެވެ. ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ހިންގަމުންދާ މަސައްކަތްތްތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ގަލަންޓް ވަނީ އެ މަސައްކަތްތައް ހުއްޓައިލުމަށް ޖައްބާރު ނަތަންޔާހޫއަށް ގޮވައިލާފައެވެ.

މި ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުން ޖައްބާރު ނަތަންޔާހޫ ވަނީ ދިފާޢީ ވަޒީރު ކަމުގެ މަޤާމުން ގަލަންޓް ވަކިކޮށްފައެވެ. އެއާ އެކު، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނުވިއެވެ. އަދި، މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެ، ޖައްބާރު ނަތަންޔާހޫގެ ގެ ކައިރިއަށް ވެސް މުޒާހަރާ ކުރާ މީހުން މިހާރު ވަނީ ޖަމާވެފައެވެ. ގަލަންޓް ވަކިކުރުމުން އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށް 200,000 އަށްވުރެ ގިނަ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

"ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސަލާމަތީ ބާރުތައް ވެސް މިހާރު ވަނީ ބައިބައިވެފައި. ސިފައިންނާއި ފުލުހުންގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފައި. މިއީ، އިސްރާޢީލުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް،" ގަލަންޓް ބުންޏެވެ.

ދިފާޢީ ވަޒީރުގެ މަޤާމުން ގަލަންޓް ވަކިކުރުމާ އެކު، އިސްރާޢީލުގެ ރައީސް އައިސެކް ހަރްޒޮގް ވެސް މި ވަނީ، ގަލަންޓްގެ ގޮވައިލުން ތަކުރާރުކޮށްފައެވެ. އޭނާ ވެސް ވަނީ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ. ރައީސް ކަމުގެ މަޤާމުގައި ހަރްޒޮގްގެ އަދާކުރައްވަނީ ރަމްޒީ ދައުރެކެވެ. އެހެންކަމުން، އޭނާގެ ބަސްތަކުގައި މާ ބޮޑު ބުރަދަނެއް ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔަހޫދީ އިސްރާޢީލުގެ މި ވަގުތުގެ ހާލަތާ މެދު، އެ ޤައުމަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ޑިމޮކުރަސީއަކީ އިސްރާޢީލާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމުގެ މުހިންމު އެއް އަސާސްކަން ފާހަގަކޮށް، ޑިމޮކުރަސީގެ ހަމަތަކާއި އަސާސްތައް އިސްކޮށް، މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވައިޓް ހައުސްއިން ވަނީ ގޮވައިލާފައެވެ.