ޝަރުޢީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން މުޅިން އަލަށް ޢިމާރާތްކުރައްވާ 15 މެޖިސްޓްރޭޓް ކޯޓެއްގެ ޢިމާރާތް ނިންމަވައި، މިއަހަރުގެ ބޭނުންކުރައްވަން ފަށްޓަވާނެކަމަށް ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.
މި ފަނަރަ މެޖިސްޓްރޭޓް ކޯޓް ޢިމާރާތްކުރައްވަނީ 16 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. ޖުޑީޝަލް ދާއިރާއަކީ، މިނިވަން ވަކި ބާރަކަށް ވުމާއެކު، އެ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަނީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އޮނިގަނޑުގެ ބޭރުން، ސީދާ ޖުޑިޝަރީގެ އިދާރީ ހިންގެވުމުގެ ތެރެއިން ވިލަރެސްކުރައްވާ ގޮތަށެވެ. އަދި މިފަދަ މަޝްރޫޢުތަކަށް ޚަރަދުކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުން އެ ދާއިރާއަށް އަހަރުން އަހަރަށް ކަނޑައަޅުއްވާ ބަޖެޓްގެ ތެރެއިން ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކަނޑައަޅުއްވާ ބަޖެޓުންނެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވާ ގޮތުގައި އަލަށް ބިނާކުރައްވާ ކޯޓްތައް ފަރުމާކުރައްވާފައިވަނީ އަދި ބިނާކުރައްވަނީ، މިފަދަ ޢިމާރާތްތަކުގެ މަސައްކަތަށް ފަހި އަދި ޒަމާނީ ފެންވަރަށެވެ. އާ މެޖިސްޓްރޭޓް ކޯޓުތަކުގެ ޢިމާރާތްތަކުގައި ޝަރީޢަތް ކުރައްވަން ޚާއްޞަ މާލަމަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްޞަ ބަޔަކާއި، ކޯޓަށް ޙާޟިރުކުރައްވާ ފަރާތްތައް މަޑުކުރުމަށް ޚާއްޞަ ބައެއް ހިމެނެއެވެ. އަލަށް އިމާރާތް ކުރައްވާ 15 މެޖިސްޓްރޭޓް ކޯޓަކީ 10 އަތޮޅެއްގެ 15 ރަށުގައި އިމާރާތްކުރައްވާ ކޯޓުތަކެކެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވާ ގޮތުގައި ކޮންމެ އަހަރަކުވެސް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވާ ބަޖެޓުން އާ ކޯޓު އިމާރާތްކުރައްވާނެ ރަށްރަށް ކަނޑައަޅުއްވަނީ އެރަށެއްގެ ކޯޓަށް މައްސަލަ ހުށަހެޅޭ މިންވަރާއި، ރަށުގެ އާބާދީއަށް ރިޢާޔަތްކުރައްވައިގެން އިސްކަންދެއްވާ ތަރުތީބުންނެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ނިޔަލަށް 26 ރަށެއްގެ މެޖިސްޓްރޭޓް ކޯޓްގެ އާ އިމާރާތް ވަނީ ނިންމަވާފައެވެ.
ވޭތުވެދިޔަ އަހަރު ޝަރުޢީ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރައްވައި މައްސަލަތައް ނިންމަވާ މިންވަރު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓްތަކުން 2015 ވަނަ އަހަރު ނަވާރަ ހާހަށްވުރެ ގިނަ މައްސަލަ ވަނީ ނިންމަވާފައެވެ. މިއީ ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ހެޔޮ ފާލެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެކެވަޑައިގަންނަވައެވެ.
ޝަރުޢީ ދާއިރާއިން ވޭތުވެދިޔަ އަހަރު އެންމެގިނަ މައްސަލަތައް ހުށައެޅި ނިންމަވައިފައިވަނީވެސް މެޖިސްޓްރޭޓް ކޯޓުތަކުންނެވެ.