ޚަބަރު

ރަޝިޔާގެ "ނިއުކްލިޔަރ ބްލެކްމެއިލްއަށް" ރައްދުދޭން ޖެހޭ: ޔޫކްރެއިން


ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވައިގެން ރަޝިޔާއިން "ނިއުކްލިޔަރ ބްލެކްމެއިލްކޮށް" ޔޫކްރެއިނަށް ބިރުދައްކަމުންދާ ކަމަށް ބުނެ، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ޔޫކްރެއިނުން ގޮވާލައިފިއެވެ. ޔޫކްރެއިނުން މިކަމަށް ގޮވައިލާފައި މިވަނީ، ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވާނެކަން ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.

ބެލަރުސްއަކީ ޔޫކްރެއިނުގެ އުތުރުން އިރުމަތީ ވިލާތުގައި އޮންނަ ޤައުމެކެވެ. އެ ޤައުމަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ފޮނުވަން ނިންމާފައިވަނީ، ޔޫކްރެއިނަށް އަރާ، ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ނޭޓޯއިން ޔޫކްރެއިނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭތީ އެ ކަމަށް ރައްދުދިނުމުގެ ގޮތުން ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވިއެވެ.

"ރަޝިޔާއިން އެ ދަނީ ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރެއިނަށް ބިރުދައްކަމުން. ބްލެކްމެއިލް ކުރަމުން. އިނގިރޭސިވިލާތާއި، ޗައިނާއާއި، އެމެރިކާއާއި، ފަރަންސޭސިވިލާތުން މި ކަން ހުއްޓުވަން ޖެހޭ. މި ކަމާ މެދު މަޝްވަރާކުރުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވައިލަން،" ރަޝިޔާގެ އަމަލުތަކާ ގުޅިގެން ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ބެލަރުސްއަކީ ރަޝިޔާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ. މީގެ 30 ވަރަކަށް އަހަރުކުރިން ބެލަރުސްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެލެގްޒެންޑަރ ލުކަޝެންކޯއަކީ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ބެލަރުސްއިން ދަނީ އެކި ގޮތްގޮތުން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އެރުމަށް ވެސް ބެލަރުސް ބޭނުންކޮށްފައިވެއެވެ.

ބެލަރުސްއަށް "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރު ފޮނުވި ނަމަވެސް، ބައިނަލްއަޤުވާމީ އެއްބަސްވުންތަކަށް ރަޝިޔާއިން އިޙުތިރާމު ކުރާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި، ނިއުކްލިޔަރ ހަތިޔާރާ ގުޅޭ "ނަން ޕްލޮރިފެރޭޝަން" އެއްބަސްވުމަށް އަމަލުކުރާނެ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.

ނަމަވެސް، ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވުމަކީ ބައިނަލްއަޤުވާމީ އެއްބަސްވުންތަކާ ޚިލާފަށް ރަޝިޔާއިން ހިންގާފައިވާ އަމަލެއް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، މި ފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ، ޕުޓިންގެ މި ފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ޔޫކްރެއިނުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވީ، ޔޫކްރެއިނުގައި ރަޝިޔާއަށް ނާކާމިޔާބީއާ ކުރިމަތިވުމަކީ ޕުޓިންއަށް ކެތްވާނެ ކަމެއް ނޫން ކަމުގައެވެ. އަދި، ހަނގުރާމައިގައި ކާމިޔާބީ ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ޕުޓިން ކުރައްވާނެ ކަމުގައި ވެސް ޕޮޑޮލްޔެކް ވިދާޅުވިއެވެ.

ނަމަވެސް، ޕުޓިން ވިދާޅުވަނީ ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެހެއްޓުން މިއީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އައު ކަމެއް ނޫން ކަމުގައެވެ. އަދި، ބަޔަކު ހައިރާންވާން ޖެހޭ ފަދަ ކަމެއް ވެސް ނޫން ކަމުގައެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރު އެހެން ގިނަ ޤައުމުތަކެއްގައި ބަހައްޓާފައިވާ ކަމަށާއި، އެގޮތަށް އަމަލުކުރުމުގެ އިޚުތިޔާރު ރަޝިޔާއަށް ވެސް އޮންނަންޖެހޭނެ ކަމުގައެވެ.

ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ބޭނުންކުރާނެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، އެ ތަން ބަލަހައްޓާނެ ބެލަރުސްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ފަށާނެ ކަމަށާއި، އެ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ރާވާފައިވާ ކަމުގައިވެސް ރަޝިޔާއިން ބުނެއެވެ.