ވިޔަފާރި

މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމް ޓިކެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި


މޯލްޑިވިއަނުން ކޮޗިން އާއި ޓްރިވެންޑްރަމްގެ ޓިކެޓުން ޑިސްކައުންޓް ލިބޭ ފެއަރއެއް ފަށައިފިއެވެ. މި ފެއަރގެ ދަށުން ކޮޗިން އާއި ޓްރިވެންޑްރަމްގެ ޓިކެޓުން %50 އަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

މިފެއަރ ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިމަހުގެ ނިޔަލަށް ފެއަރ ކުރިއަށްދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްތަކަށް އަންނަ މަހުގެ 17 ގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކުރިން 400 ޑޮލަރަށް ހުރި ކޮޗިން ދެކޮޅު ޓިކެޓް މިހާރު ލިބޭނީ 216 ޑޮލަރަށެވެ.
އަދި ކުރިން 500 ޑޮލަރަށް ދެކޮޅު ޓިކެޓް ހުރި ޓްރިވެންޑްރަމް ޓިކެޓު މިހާރު ލިބޭނީ 232 ޑޮލަރަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަނުން ވިދާޅުވީ، ކޮޗިން އާއި ޓްރިވެންޑްރަމް ޓިކެޓްގެ އަގު ހެޔޮކުރީ ރަމަޟާންމަހު ސިއްހީ ބޭނުންތަކާއި އަދިވެސް އެނޫން ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ހެޔޮ އަގުގައި ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ ގޮތުންކަމަށެވެ.

މިވަގުތު މޯލްޑިވިއަން އިން ބައިނަލްއަގްވާމީ ދަތުރު ކުރަނީ ކޮޗިން އާއި ޓްރިވެންޑްރަމާއި ބަންގްލަދޭޝްގެ ޑާކާ އަށެވެ.