ޚަބަރު

އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ޙަމަލާދޭނަމަ ރައްދުދޭނެ ކަމުގެ އިންޒާރުދީފި


ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ ސިފައިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއްދީ 19 މީހުން މަރައިލުމާ ގުޅިގެން އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދީފައި ވަނީ އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި – އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯ (އައި.އާރް.ޖީ.ސީ)ގެ ސިފައިން ތިބި ޢިމާރާތްތަކަށެވެ.

އެމެރިކާގެ ހަމަލާތަކުގައި 19 މީހުން މަރުވި ކަން އީރާނުގެ ސަލާމަތާ ބެހޭ އިދާރާއަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އީރާނު ސިފައިންނަށް އެމެރިކާއިން ހަމަލާދީފައި ވަނީ ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުންނެވެ. ހަސާކާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާގައި އެކަކު މަރުވެ އިތުރު ހަ މީހުން ޒަޚަމުވިއެވެ.

މަރުވީ ކޮންޓްރެކްޓަރެކެވެ. އަދި، ޒަޚަމުވި މީހުންގެ ތެރޭގައި ފަސް ސިފައިން ހިމެނެއެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މިއީ، ފަހުގެ ތާރީޚެއްގައި އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކޮށްފައިވާ ފުރަތަމަ ފަހަރެވެ. އަދި، މިހާތަނަށް ބަދަލުކޮށްފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

"ސޫރިޔާގެ ސަރުކާރުން ބުނެގެން ގާއިމުކޮށްފައިވާ އެއްވެސް އަސްކަރީ މަރުކަޒަކަށް ހަމަލާދީފި ނަމަ، އީރާނުން ވަގުތުން އެ ހަމަލާއަކަށް ރައްދު ދޭނެ،" އީރާނުގެ ސަލާމަތީ އިދާރާއެއްގެ އިސްވެރިއެއް ކަމުގައިވާ ކެއިވާން ޚޮސްރާވީ ވިދާޅުވިއެވެ.

އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި މަރުވެފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާގެ ތިން ސިފައިންނާއި، ސޫރިޔާގެ ސަރުކާރަށް ތާޢީދުކުރާ ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ 11 މީހުންނާއި، ސޫރިޔާއިން ބޭރު ފަސް މީހުންނެވެ. އެ ފަސް މީހުންނަކީ އީރާނުގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ބަޔެއް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ނަމަވެސް، އެ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އީރާނުން ބުނާ ގޮތުގައި، އެ ޤައުމުގެ ސިފައިން ސޫރިޔާގައި ހަރަކާތްތެރިވަމުން ދަނީ ސޫރިޔާގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކަކީ އިސްތިއުމާރީ ބަޔެއްގެ ގޮތުގައި ސޫރިޔާގެ ސަރުކާރުގެ އިތުރުން އީރާނުން ވެސް ގަބޫލުކުރެއެވެ.

"އީރާނުގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަރަކާތްތެރިވަމުން ދަނީ ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛުލް އަސަދުގެ އެދިވަޑައިގެންނެވުމަށް، އޭނާގެ ސަރުކާރުން ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެދިނުމުގެ ބޭނުމުގައި. ސޫރިޔާގެ ސަރުކާރާ އެކު އެ މަސައްކަތުގައި އީރާނުން ދެމިއޮންނާނެ،" ސޫރިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު ކަންޢާނީ ވިދާޅުވިއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމުގައި ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އީރާނުން ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމަށް ބުނެ، ހަމަލާތައް ކުށްވެރިކޮށްފައެވެ.