ޚަބަރު

ތޫނިސް ކައިރިއަށް ބޯޓެއް ފެތި 19 މީހުން މަރުވެއްޖެ


ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރި ބަޔަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ކަނޑުވެ، 19 މީހުން މަރުވެއްޖެއެވެ. މި ބޯޓު ފެތިފައި ވަނީ އެފްރިކާ ބައްރުގެ އުތުރުގައި އޮންނަ ތޫނިސްގެ އައްސޭރިފަށުގެ ސަރަޙައްދަށެވެ. އެ ބޯޓު ފެތިފައި ވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް އިޓަލީވިލާތަށް ދަތުރުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތޫނިސްގެ އައްސޭރިފަށަށް ފަސް ބޯޓެއް ފެތިފައިވެއެވެ. އެ ބޯޓުތަކުގައި ދަތުރުކުރި މީހުންގެ ތެރެއިން 67 މީހުން ކަނޑުވެ، ގެއްލިފައިވާއިރު، އިތުރު ނުވަ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ތޫނިސްގެ މަޙްދިއްޔާގެ އައްސޭރިފަށަށް ފެތުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ފަސް މީހުން ސަލާމަތް ކުރެވުނު ކަމުގައި ތޫނިސްގެ އޮފިޝަލުން ވިދާޅުވެއެވެ.

ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ދަތުރުކުރަން މަސައްކަތްކުރި 80 އަށްވުރެ ގިނަ ބޯޓު ވަނީ ހުއްޓުވާފައިވާ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. އަދި، 3,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަން މަސައްކަތްކުރި މީހުންނެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް މި އަހަރުގެ ތެރޭގައި އިޓަލީވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން 12,000 މީހުންނަކީ ތޫނިސްއިން ފުރައިގެން ދަތުރުކޮށްފައިވާ މީހުން ކަމުގައި އ.ދ.އިން ބުނެއެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ދަތުރުކޮށްފައި ވަނީ އެންމެ 1,300 މީހުންނެވެ. މީގެ ކުރިން، އިޓަލީވިލާތަށް އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކުރަނީ ލީބިޔާ މަގުންނެވެ.

ބޯޓުފަހަރުގައި އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތް ކުރި 14,000 އަށްވުރެ ގިނަ މީހުން މި އަހަރުގެ މިހާތަނަށް ހުއްޓުވާފައިވާނެ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ޢަދަދު ރެކޯޑު ކުރެވިފައި ވަނީ 2,900 ގައެވެ.

އެފްރިކާ ބައްރުގެ ޤައުމުތަކުގެ ރައްޔިތުން އިޓަލީވިލާތަށް ހިޖުރަކުރަނީ، އެ މީހުންގެ އަމިއްލަ ޤައުމުގައި އޮތް ފަގީރުކަމާއި ދާޚިލީ ހަނގުރާމައާއި ހަމަނުޖެހުންތަކުން ސަލާމަތާއި ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް، މި ދަތުރުގައި ގިނަ ޢަދަދެއްގެ ބަޔަކު ކަނޑުވެ، ހާލުގައި ޖެހެއެވެ. އަދި، ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލެއެވެ. މާރިޗު 23 ވަނަ ދުވަހު ވެސް އިޓަލީވިލާތުގެ ކޯސްޓްގާޑުން ވަނީ ކަނޑުވެފައިވާ ދެ ބޯޓަކުން 750 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައެވެ.