ޚަބަރު

ސަޢުދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި


ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އިސްލާމިކް މިނިސްޓްރީން މިއަދު ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކަދުރު ބެހުމުގެ ކަންކަން މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ކަދުރު ބެހުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކަދުރު ބަހަން ނިންމަފައިވަނީ 1444 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ. އަދި ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ބާކީ ކަދުރުތައް އެހެނިހެން ގޭބީސީތަކަށް ބެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު، އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން 2 023ވަނަ އަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު، އެ ކައުންސިލްތަކުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ އަންނައިރު އައި.ޑީ.ކާޑު ހިފައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އިސްލާމިކް މިނިސްޓްރީއާއި ޙަވާލުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.