މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް މިރޭ ފަށަނީ


މޯލްޑިވިއަން އައިޑަލަށް ވާދަކުރާ ގަދަ 12 ބައިވެރިންނާއެކު، ގާލާ ރައުންޑްގެ އޮޑިޝަންތައް މިރޭ ޓީ.ވީ.އެމުން ދައްކަން ފަށާނެއެވެ. 

މި ޝޯވ އޮންނާނީ މިރޭ 10:30 ގައެވެ. ބެލުންތެރިންގެ ތަރުޙީބު ބޮޑު އަދި ބެލުންތެރިންގެ ވޯޓް، ބޮޑު ދައުރެއް އަދާކުރާ މި މުބާރާތުގެ ގާލާ ރައިންޑްގައި ވަނީ ބެލުންތެރިންނަށް ވޯޓްދެވޭ ވަގުތު އިތުރުކޮށްފައެވެ. މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތަކާއެކު ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރާން މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާ ހަމައަށް ފުރުޞަތު އޮންނާނެއެވެ. ކުރީގެ ޝޯވްތަކުގައި ބެލުންތެރިންނަށް ވޯޓްދިނުމުގެ ފުރުޞަތު ދެމުން އައި ޝޯވް ދައްކަން ފުރަތަމަ ފަށާ ވަގުތުން ފެށިގެން އަނެއްދުވަހުގެ ހެނދުނު ނުވައެއް ޖެހުމާ ހަމައަށެވެ. ހަވީރު ހަތަރެއްޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްދިނީ، މުބާރާތަށް ބެލުންތެރިންގެ ޝައުޤު އިތުރުވެ، އަދި ވޯޓްދޭންޖެހޭ ވަގުތުތަކުގެ ތެރޭގައި ދަންވަރުގެ ވަގުތު ހިމެނޭތީ ޢާންމު ފަރާތްތަކުން އިތުރު ވަގުތަށް އެދެމުން އައުމާއެކުއެވެ. ބެލުންތެރިންނަށް ކޮންމެ ނަމްބަރަކުންވެސް 50 އެސް.އެމް.އެސް ކުރެވޭނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑަށް ބައިވެރިން ހޮވާފައިވަނީ ތިއޭޓަރ ރައުންޑުން ޕިއާނޯ ރައުންޑަށް ދަތުރުކުރި 16 ބައިވެރިން ދެ ގްރޫޕަކަށް ބަހާލުމަށްފަހު ކުރިއަށް ގެންދިޔަ 2 ޝޯވއިން ބެލުންތެރިންނާއި، ޖަޖުންގެ އެންމެ ގިނަ މާކްސް ލިބުނު ބައިވެރިންގެ ތެރެއިންނެވެ. އެގޮތުން ޖަޖުންގެ %50 މާކްސް އަދި ބެލުންތެރިންގެ %50 ވޯޓާއެކު ގާލާ ރައުންޑަށް ޖުމްލަ 12 ބައިވެރިން ދަތުރުކޮށް، 4 ބައިވެރިއަކު ވަނީ ޝޯވއިން ވަކިވެފައެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ ބާއްވާފައިވަނީ މިމަހުގެ 12 ވީ ހުކުރު ދުވަހުގެރެއެވެ. ފުރަތަމަ ޝޯވއިން ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ މުޙައްމަދު އިފްހާމް އަޝްފާޤް، މުޙައްމަދު މުޢައްޒިން ނަޢީމް، އަހުމަދު ނަޒީޙް، ލައިޝާ ޖުނައިދު، ޢިބްރާހިމް އަމަން އަދި ޢަބްދުﷲ ފާލިޙް އާދަމެވެ. އަދި އެރޭގެ ޝޯވއިން ވަކިވާންޖެހުނު 2 ބައިވެރިންނަކީ ހައްވާ ރިޙާނީ އާމިރު އަދި ޝިފާ އިބްރާހިމެވެ.

ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯވއިން ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންނަކީ ޝަލަބީ އިބްރާހިމް، ޢަބްދުﷲ ޞާދިޤު، ފާތުމަތު އަޒްލީމާ، ފާތިމަތު ނައްބަތު، މުޙައްމަދު ޒަލީފް ޢަބްދުﷲ އަދި މުހައްމަދު އިޝާނެވެ. ދެވަނަ ޝޯވއިން ގާލާ ރައުންޑަށް ނުދެވި ވަކިވާންޖެހުނު ދެ ބައިވެރިންނަކީ ސާނިޙް ޢަލީ އަދި ޢަބްދުﷲ ޒިޔާއުއެވެ. މި ޝޯވ ޓީވީއެމުން ދައްކާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.

މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުދެވޭނެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސް. ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑްގެ ޝޯވތައް މިރޭ ފެށޭއިރު، މިރޭ ޝޯވގައި ބޭނުންކުރާ ސެޓުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެއެވެ. މިރޭގެ ޝޯވއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ދައްކާ ޝޯވގެ އެލިމިނޭޝަން ނައިޓުގައި ކޮންމެވެސް އެއް ބައިވެރިއަކު ޝޯވއިން ވަކިވާނެކަމަށް ޕްރޮޖެކްޓް ޓީމުން ބުނެއެވެ. އަދި މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ވާދަކުރާ ބައިވެރިންނާއެކު މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.