ޚަބަރު

ބަޖްރަންގީ ބައިޖާންގެ ދެވަނަ ބަޔަށް ސަލްމާން ބޭނުންވަނީ ކަރީނާގެ ބަދަލުގައި ޕޫޖާ 


ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށް އިޢުލާނުކުރީ 2021 ވަނަ އަހަރުއެވެ.

2015 ވަނަ އަހަރު ގެނެސްދިން މީގެ ސީކުއަލް އަށް ކިޔަނީ "ޕަވަން ޕުތްރާ" އެވެ. ކަރީނާ ކަޕޫރާއި ޗައިލްޑް އެކްޓަރު ހަރްސާލީ މަލޯތްރާއާއިއެކު ގެނެސްދިން ސަލްމާންގެ މި ފިލްމަށް މި ފަހަރު ނަގަނީ ކަރީނާގެ ބަދަލުގައި ޕޫޖާ ހެގްޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޕޫޖާ އަކީ އަންނަ އޭޕްރީލް 21 ގައި ސިނަމާތަކަށް ގެންނަން ތައްޔާރުވާ ސަލްމާންގެ "ކިސީކީ ބައި ކިސީކީ ޖާން" ގެ ވެސް ބަތަލާއެވެ.

މި ފިލްމުގައި ޕޫޖާ ކުޅޭނީ "ބަޖްރަންގީ ބައިޖާން" ގައި ކަރީނާ ކުޅުނު ރޯލު ކަމެއް އަދި ސާފެއްނުވެއެވެ. މި ސީކުއަލްގެ ސްކްރީން ރައިޓަރަކީ ކޭވީ ވިޖަޔެންދުރަ ޕްރަސާދެވެ. އޭނާއަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އައު ރެކޯޑްތަކެއް ހެދި "ބާހުބަލީ" ގެ ދެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބައްޕައެވެ. އެ ދެ ފިލްމަކީވެސް ވިޖަޔެންދުރަގެ ސްކްރީންޕްލޭ އަށް ހެދި ފިލްމުތަކެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށް ގެނެސްދިން "ބަޖްރަންގީ ބައިޖާން" ލިޔުނު ވިޖަޔަންދުރަ، ބުނީ ސީކްއެލްގެ ވާހަކައިގެ ޕްލޮޓް ކުރިން ސަލްމާނާއި ވެސް ހިއްސާކޮށްފައިވާ ކަމަށާއި، އޭނާއަށް އެ ވަރަށް ކަމުދިޔަ ކަމަށެވެ.

ޕާކިސްތާނުން ފުރާ ރޭލަކުން އާއިލާގެ ބަޔަކާ ނުލައި އިންޑިއާ އަށް ދެވޭ ކުޑަ އަންހެން ކުއްޖަކު ރައްކާތެރިކަމާއެކު ޤައުމަށް ގެންގޮސްދޭން އިންޑިއާގެ މީހަކު ކުރާ އުނދަގޫ ދަތުރުގެ ވާހަކަ ކިޔައިދިން "ބަޖްރަންގީ ބައިޖާން" އަކީ 63 ވަނަ ނެޝަނަލް އެވޯޑްސްގައި ބެސްޓް ޕޮޕިއުލާ ފިލްމު ފްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އަދި މީގެ ވާހަކައަށް ފިލްމުފެއާގައި އެންމެ މޮޅު ސްޓޯރީގެ އެވޯޑްވެސް ލިބުނެވެ.