ޚަބަރު

މިސިސިޕީއަށް ނަގޫރޯޅިއެއް އަރައި 23 މީހުން މަރުވެއްޖެ


އެމެރިކާގެ ދެކުނުގައިވާ މިސިސިޕީ ސްޓޭޓްގެ ސަރަޙައްދުތަކަށް ބާރުގަދަ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން 23 މީހުން މަރުވެއްޖެއެވެ. ނަގޫރޯޅިއާ އެކު އައި ބާރުގަދަ ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ މިސިސިޕީގެ ވެރިރަށް ޖެކްސަންގެ އުތުރުން އޮންނަ ޝާރކީ އަދި ހަމްފްރީ ކައުންޓީއަށެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި އޮންނަ ރޯލިންގ ފޯކް ކިޔާ ރަށެއް ވަނީ މުޅިން ސުންނާފިވެފައެވެ.

އެ ދެ ރަށުގައި ގެއްލުން ލިބި، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި، ނަގޫރޯޅިއާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަގޫރޯޅިއާ ގުޅިގެން ޝާރކީ ކައުންޓީއިން މަރުވި މީހުންގެ ޢަދަދު 13 އަށް އަރާއިރު، އެ ރަށް ކައިރީގައި އޮންނަ ކެރޮލް ކައުންޓީން ތިން މީހުން މަރުވިއެވެ. އަދި، އެ ރަށާ ޖެހިގެން އޮންނަ މޮންރޯ ކައުންޓީއިން އިތުރު ދެ މީހުން މަރުވިއެވެ. ހަމްފްރީ ކައުންޓީގެ ސިލްވަރ ސިޓީއިން ވެސް އެކަކު މަރުވިއެވެ.

ނަގޫރޯޅީއާ ގުޅިގެން އެ ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. ވެއްޓި އަދި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ފުރިހަމަ ޢަދަދު އަދި ސާފުނުވާ ކަމުގައި މިސިސިޕީގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، މިހާރު އެންމެ އިސްކަމެއް ދީފައި ވަނީ، ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، ޒަޚަމުވެފައިވާ މީހުންނަށް ފަރުވާދިނުން ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

މިސިސިޕީގެ ސަރަޙައްދުތަކަށް އިތުރު ނަގޫރޯޅިތައް އަރާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ. މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް އެމެރިކާގެ އެކި ކަންކޮޅުތަކަށް ޖުމުލަ 168 ނަގޫރޯޅި އަރާފައިވެއެވެ. އަދި، ޖަނަވަރީ މަހާއި ފެބުރުވަރީ މަހުގެ ތެރޭގައި އިރުދެކުނުގައިވާ އެލެބާމާ ސްޓޭޓަށް 49 ނަގޫރޯޅި އަރާފައިވެއެވެ.