ޚަބަރު

ހުޅުމާލޭގައި ފްލެޓް އަޅަން އިތުރު 7 ކުންފުންޏަކާ ހަވާލުކުރަނީ


ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެތެރޭގައި ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމަށް އިތުރު 7 ކުންފުންޏަކާ ޙަވާލުކުރާނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މި ހަތް ކުންފުނީގެ ތެރޭގައި ބޭރުގެ ކުންފުންޏެއްވެސް ހިމެނޭކަމަށެވެ.

ހުޅުމާލޭގައި މީހުން އާބާދުކުރުމުގެ ގޮތުން މިހާރުވެސް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި ޙަވާލުކުރެވިގެން އެތަކެއް ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވާހީގެ ދަށުން އެންމެ ގިނަ ބިންތަކެއްވެސް ޚާއްޞަކުރައްވާފައިވަނީ ފްލެޓް އަދި ރޯހައުސްތައް އެޅުމަށެވެ. އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މިހާރު ހުޅުމާލޭގައި އަޅަމުންދާ ފްލެތްތަކުގެ އިތުރުން، އެހެން ފްލެތްތަކެއް އެޅުމުގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް، 7 ކުންފުންޏަކާއި ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ކުންފުނިތަކަކީ މީގެ ކުރިންވެސް ފްލެޓްތައް އެޅުމަށް ޙަވާލުކޮށް އިތުބާރު ލިބިފައިވާ ކުންފުނިތަކެއް ކަމަށް ސައިމަން ފާހަގަކުރެއްވިއެވެ.

" މި ހަތް ކުނފުނިތަކުން މީގެ ކުރިންވެސް އެތަކެއް ފްލެތްތަކެއްގެ މަސައްކަތްކޮށް ރަނގަޅު ޓްރެކް ރެކޯޑް އެބައޮތް. މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ގެދޮރު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ" ސައިމަން ވިދާޅުވިއެވެ.

މި ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ބިން ހަމަޖައްސަވައިދެއްވުމުން އެ ކުންފުނިތަކުގެ އަމިއްލަ ޚަރަދުގައި ފްލެޓްތައް އަޅާގޮތަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މަދުވެގެން 650 ފްލެޓް އަޅާނެއެވެ. ސައިމަން ވިދާޅުވީ، މި ފްލެތްތަކާއި މަސައްކަތާއި ގުޅޭ ތަފްޞީލް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

ހުޅުމާލޭގައި މިހާރު ސަރުކާރުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން މިއަހަރު ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް 704 ފްލެޓްގެ މަސައްކަތް ޗައިނާގެ ކުންފުންނަކުން ކުރިއަށް އެބަގެންދެއެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ހުޅުމާލެގައި ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.