ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައިގެ ކުރީ ސަފަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޒިޔާރަތް ކުރައްވައިފިއެވެ. އޭނާ ވަޑައިގަންނަވާފައި ވަނީ، އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ބަޚްމުތް އޮންނަ ސަރަޙައްދަށެވެ. އެ ރަށަކީ ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ދެ ސަރަޙައްދުގެ ތެރެއިން ޑޮނެޓްސްކުގެ ރަށެކެވެ.
ބަޚްމުތް އޮންނަ ސަރަޙައްދަށް ޒެލެންސްކީ ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ ބަޚްމުތް ދިފާޢުކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ސިފައިންނާ ބައްދަލުކުރައްވާފައެވެ. އަދި، ހަނގުރާމައިގައި ކާމިޔާބީތައް ހޯދުމުގެ ފަހަތުގައި ތިބި ބައެއް ސިފައިންނަށް އޭނާ ވަނީ މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ބަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން މަސައްކަތް ކުރާތާ މިއީ އަށްވަނަ މަހެވެ. އެ ރަށުގެ 70 އިންސައްތައަށް ވުރެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް ނަގާފައިވާ ކަމުގައި ވެންގަރ ގުރޫޕުން ބުނެއެވެ. ވެގްނަރ ގުރޫޕަކީ ރަޝިޔާއިން މި ހަނގުރާމައިގައި ބޭނުންކުރަމުންދާ ކުލީ ސިފައިންގެ ގުރޫޕެކެވެ.
"މި ރަށަށް އާދެވުމަކީ އަހުރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ފަޚުރެއް. މި ރަށް ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ސިފައިންނާ ބައްދަލު ކުރެވުމަކީ ލިބޭ އުފަލެއް. ކުރިއަށް އޮތީ ދަތި، އުނދަގޫ ދުވަސްތަކެއް ކަން އިނގޭ،" ބަޚްމުތްގައި ހަރަކާތްތެރިވާ ޔޫކްރެއިނުގެ ސިފައިންނާ ބައްދަލުކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ބަޚްމުތް ކައިރިއަށް ވަޑައިގަންނަވާފައި މި ވަނީ ރަޝިޔާއިން ޔޫކްރެއިނުގެ ބައެއް ރަށްތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ޒެލެންސްކީ ބަޚްމުތަށް ވަޑައިގެންނެވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.
ޒަޕޮރީޜިޔާގައި ޢާންމުން ދިރިއުޅޭ ނުވަ ބުރިއަށް ނަގާފައިވާ ދެ ޢިމާރާތަކަށް ރަޝިޔާގެ މިސައިލް ހަމަލާތައް އަރާފައިވެއެވެ. މި ހަމަލާތަކުގައި އެކަކު މަރުވެ، އިތުރު 32 މީހަކު ޒަޚަމުވި ކަމުގައި ޒަޕޮރީޜިޔާގެ އޮފިޝަލުން ބުނެއެވެ.
އޭގެ ކުރީ ރޭ ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްއަށް ވެސް ވަރުގަދަ މިސައިލް ހަމަލާތަކެއްދީ، ޢާންމުންގެ ހަތް މީހުން މަރައިލާފައެވެ. ކީވްގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް ދީފައިވާ ޑްރޯން ހަމަލާގައި ޢާންމުންގެ އިތުރު ނުވަ މީހަކު ޒަޚަމުވިއެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން ބަޚްމުތަކީ 80,000 މީހުންގެ އާބާދީއެއް ދިރިއުޅެމުންދިޔަ ސިނާޢީ މަސައްކަތްތައް ކުރާ ރަށެކެވެ. އެ ރަށުގެ ބޮޑު ސަރަޙައްދެއް ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް، މުޅި ރަށަށް އަތްގަދަ ކުރެވިފައެއް ނުވެއެވެ.