ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލެއްވުމަށް މުޅި ރާއްޖޭގައި ސާރވޭއެއް ކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާރއިން ކުރައްވާ މި ސާރވޭގެ މަސައްކަތަށް އަންނަމަހު އެ މިނިސްޓްރީގެ ޓީމުތައް އަތޮޅުތަކަށް ޒިޔާރަތްކުރައްވަން ފައްޓަވާނެއެވެ. ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ޖެންޑާރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޢިމާދު ވިދާޅުވީ، މިފަދަ ދަފްތަރެއް އެކުލަވާލައްވަނީ، ތަފްޞީލް މަޢުލޫމާތު ހިމެނޭ މިފަދަ ދަފުތަރެއް އޮތުން މުހިންމުވާތީކަމަށެވެ.

ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދާއި، އެމީހުންގެ ޙާލަތު ހުރި ގޮތާއި، އެމީހުންނަށް އެރަށްރަށުން ލިބޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު މިސަރވޭގެ ދަށުން ދެނެގަނެވޭނެ ކަމަށް ޢިމާދު ވިދާޅުވިއެވެ. ޖެންޑާރ މިނިސްޓްރީން ވިދާޅުވީ، ސަރވޭގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައި، އަންނަ އަހަރު ދަފްތަރުގެ އެކުލަވާލެއްވޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް މި ދަފްތަރު އެކުލަވާލައްވައި ނިމުމުން، މިހާރަށްވުރެ ބޮޑަށް ފަސޭހަވެ، އެމީހުންނަށް އެކަށީގެންވާ ޚިދުމަތެއް ދެވިގެންދާނެކަމަށް ޖެންޑާރ މިނިސްޓްރީން ވިދާޅުވެއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގައި މިހާރު އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ރަޖިސްޓްރީގައި ދެ ހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ.