ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ 36 އަހަރުގެ ދިވެހި ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަދުވަހު ސ.ގަން އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައިބެލިއިރު މި މީހާގެ ހަށިގަނޑު ތެރެއިން ބުލެޓް ސައިޒުގެ 9 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ސ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.