ޚަބަރު

ބިންހެލުމުގައި ޕާކިސްތާނާއި އަފްޣާނިސްތާނުގައި މަރުވި މީހުންގެ ޢަދަދު 13އަށް


އަފްޣާނިސްތާނާއި ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 13 އަށް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 6.5 ގެ ބާރުމިނުގައި ރެކޯޑުކުރެވިފައިވާ މި ބިންހެލުން އައިސްފައި ވަނީ އަފްޣާނިސްތާނުގައި އޮންނަ ހިންދު ކުޝް ފަރުބަދަ އޮންނަ ސަރަޙައްދަށެވެ. ބިންހެލުމާ ގުޅިގެން ދެ ޤައުމުގައި 90 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

މި ބިންހެލުމުގައި ޕާކިސްތާނުން މަރުވި މީހުންގެ ޢަދަދު ނުވައަކަށް އަރާއިރު، 180 މީހުން ވަނީ ޒަޚަމުވެފައެވެ. ބިންހެލުމާ ގުޅިގެން ޕާކިސްތާނުގެ އުތުރުގައިވާ ޚަރިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތަށް ގެންގޮސްފައެވެ. އަފްޣާނިސްތާނުގައި ހަތަރު މީހުން މަރުވިއެވެ. އަދި، 50 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.

ބިންހެލުމުގައި ދެ ޤައުމުން ވެސް ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޚައިބަރް ޕަޚްތުންޚްވާގައި 19 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ހާމަކުރެއެވެ. އެ ސަރަޙައްދަށް އައި ބިންހެލުމުގެ ލޮޅުންތައް 30 ސިކުންތައް ދެމިގެންދިޔަ ކަމުގައި، ބިންހެލުންތައް ދިރާސާކުރާ މަރުކަޒުތަކުން ބުނެއެވެ.

މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އެ ސަރަޙައްދުގެ 285 މިލިޔަން މީހުންނަށް އިހުސާސް ކުރެވިފައިވާ ކަމަށް ވިލާތާއި މެޑިޓެރޭނިއަން ސަރަޙައްދުގެ ބިންހެލުންތައް ދިރާސާކުރާ އިދާރާއިން ބުނެއެވެ. ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ޕާކިސްތާނާއި އަފްޣާނިސްތާނުގެ އިތުރުން އިންޑިޔާ، އުޒްބެކިސްތާން، ތަޖިކިސްތާން، ކަޒަޚްސްތާން އަދި ތުރްކްމަނިސްތާނަށް ވެސް ފޯރިއެވެ.

މި ބިންހެލުން އައިސްފައި ވަނީ އަފްޣާނިސްތާނުގެ އިރުއުތުރުގައިވާ ބަދަޚްޝާން ޕުރޮވިންސުގެ ހިންދު ކުޝް ފަރުބަދައިގެ ސަރަޙައްދަށެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ 187 ކިލޯމީޓަރު އަޑިއަށް ކަމުގައި އެމެރިކާގެ ބިންހެލުންތައް ދިރާސާކުރާ މަރުކަޒުން ބުނެއެވެ.

ހުސްވި 2022 ވަނަ އަހަރު ޖޫން މަހު ވެސް އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. ރިކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި ރެކޯޑްކުރެވިފައިވާ އެ ބިންހެލުމާ ގުޅިގެން 1,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. 2005 ވަނަ އަހަރު ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 73,000 މީހުން މަރުވިއެވެ. އެ ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައެވެ.