މިއަހަރުގެ ރަމަޟާންމަހު މާލެ ސަރަޙައްދުގެ 26 މިސްކިތެއްގައި ހިފްޒުކޮށް، ތަރާވީހު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރިއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާކަމުން، މިރޭ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރަން ފަށާނެއެވެ.
ކޮންމެ އަހަރަކުވެސް މާލޭ ސަރަޙައްދުގައި ތަރާވީހް ނަމާދު ކުރަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ވަކި މިސްކިތްތަކެއްގައެވެ. މީގެތެރޭގައި ވީހާވެސް ގިނަ މީހުންނަށް އެއްފަަހަރާ ނަމާދަށް އެރޭ މިސްކިތްތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރަމަޟާންމަހު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީހު ނަމާދުކުރާނެ މިސްކިތްތައް ކަނޑައަޅާފައެވެ. މީގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތާއި ހުޅުމާލޭގެ 9 މިސްކިތް އަދި ވިލިމާލޭގެ 1 މިސްކިތެވެ.
މާލޭގައި މިއަހަރު ތަރާވީޙް ނަމާދުކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، ނޫރު މިސްކިތް، ފުރުޤާން މިސްކިތް ޒިކުރާ މިސްކިތް އަދި އިތުރު މިސްކިތްތައް ހިމެނެއެވެ. މިއަހަރުގެވެސް އިސްލާމީ މަރުކަޒުގެ އެންމެ ތިރީ ފަންގިފިލާގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
1444ވަނަ އަހަރު ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގެ ތެރެއިން ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް pic.twitter.com/JP6c1Ov6xU
— Ministry of Islamic Affairs (@MVIaffairs) March 22, 2023
ވިލިމާލޭގައި ތަރާވީހު ނަމާދު ކުރާނީ ވިލިމާލޭގެ މައި މިސްކތް މަސްޖިދުލްއިޚްލާސްގައެވެ. ހުޅުމާލޭގައި ފޭސް1 އަދި ފޭސް2ގެ ވަގުތީ މިސްކިތްތައް ހިމެނޭހެން ތަރާވީހު ނަމާދު ކުރާނެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޚާފިޡުން ގެނެއެވެ. މިއަހަރުވެސް މާލެއާއި ރަށްރަށުގައި ނަމާދުކުރުމަށް ހާފިޡުން ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިސްކިތްތައް އާބާތުރަފިލުވުމާއި، މިސްކިތްތަކަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ހިމެނެއެވެ. އަދި މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތްތަކަށް ޖާގަވެސް ވަނީ އިތުރުކޮށްފައެވެ.