ޚަބަރު

އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ސޫރިޔާގައި ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ސޫރިޔާގައި ޝަހީދުކޮށްލައިފިއެވެ. 31 އަހަރުގެ ޢަލީ ރަމްޒީ އަލް-އަސްވަދު ޝަހީދުކޮށްލާފައި ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށްބޭރު ހިސާބެއްގައި މާރިޗު 19 ވަނަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައެވެ.

އިސްލާމިކް ޖިހާދުން ބުނީ، އަސްވަދު ޝަހީދުކޮށްލުމުގެ ފަހަތުގައި ވަނީ ޔަހޫދީ ޒަޔަނިސްޓު އިސްރާޢީލު ކަމުގައެވެ. އަދި، އޭނާ ޝަހީދުކޮށްލާފައި ވަނީ ދިމިޝްޤުގެ ރަށްބޭރުގައި އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށް ވެސް އެ ޖަމާޢަތުން ބުނެއެވެ.

އަސްވަދަކީ ފަލަސްޠީނުގެ ރެފުޖީއެކެވެ. އޭނާ ދިރިއުޅެނީ ސޫރިޔާގައި ހުންނަ ރެފިޔުޖީ ކޭމްޕެއްގައެވެ. އަބޫ އާބިދު އަލް-ރަޙްމާންގެ ނަމުން މަޝްހޫރު އަސްވަދަކީ، އިސްލާމިކް ޖިހާދުގެ އަލް-ޤުދުޞް ބްރިގޭޑްގެ ކޮމާންޑަރެކެވެ. އިސްލާމިކް ޖިހާދު ޖަމާޢަތުގެ ގިނަ އިސްވެރިންތަކެއް ދިރިއުޅެނީ ސޫރިޔާގައެވެ. އަދި، އެ މީހުން ޝަހީދުކޮށްލުމަށް ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުން ވެސް ވަނީ އަސްވަދު ޝަހީދުކޮށްލި ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމާޢަތަކީ ވެސް، ސޫރިޔާގެ ސަރުކާރުގެ ފައުޖުތަކާ އެކު އެ ޤައުމުގައި ހަރަކާތްތެރިވާ ޖަމާޢަތެކެވެ. ހިޒްބުﷲއިން ވެސް ވަނީ، އަސްވަދު ޝަހީދުކޮށްލުމުގެ ފަހަތުގައި ތިބީ ޔަހޫދީ ޒަޔަނިސްޓުން ކަމުގައި ބުނެފައެވެ.

2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފަހުން، ޔަހޫދީ އިސްރާޢީލުން ވަނީ ސޫރިޔާއަށް އަރައި ގިނަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ދީފައި ވަނީ، އަސްކަރީ ވައިގެ އުޅަނދުފަހަރާއި ބޮންއަޅާ މަތިންދާބޯޓުތައް ބޭނުންކޮށްގެންނެވެ. އަދި، ޒަޔަނިސްޓު އިސްރާޢީލުގެ ޖާސޫސުން ވެސް ސޫރިޔާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ސޫރިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅޭ ގޮތުން ޔަހޫދީ އިސްރާޢީލުން ބަސްބުނުމަށް ދެކޮޅު ހެދި ނަމަވެސް، މެދުއިރުމަތީގައި އީރާނުގެ ބާރައި ނުފޫޒު ގަދަކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ޖައްބާރު ޔަހޫދީން ވަނީ ބުނެފައެވެ. ހުސްވި ހަފުތާގައި ވެސް ޔަހޫދީ އިސްރާޢީލުން ވަނީ ސޫރިޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ސޫރިޔާގެ ސިފައިންގެ މީހަކާއި އިތުރު ދެ މީހުން މަރުވިއެވެ.