ޚަބަރު

ބިންހުލުމުގެ ގެއްލުމުގެ އަގު 104 ބިލިޔަން ޑޮލަރަށް އަރާ: އުރުދުޣާން


ފެބުރުވަރީ 6 ވަނަ ދުވަހު ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތަށް ލިބިފައިވާ ގެއްލުމުގެ އަގު 104 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެވޭ ކަމުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، ތުރުކީއަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައެވެ. "އިޤުތިޞާދީ ގޮތުން ކިތަންމެ ކުރިއަރާފައި އޮތް ޤައުމެއް ނަމަވެސް، މި ފަދަ ބޮޑު އަދި ބާރުގަދަ ބިންހެލުމަކާ ކުރިމަތިވެއްޖެ ނަމަ، ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ކޮންފަރެންސްގައި ވީޑިޔޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ، ބިންހެލުމަށް އިޖާބަދިނުމުގެ ގޮތުން ތުރުކީވިލާތުގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ބިންހެލުމާ ގުޅިގެން ތުރުކީވިލާތަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެ ޤައުމަށް 1.07 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ އެގްޒެކެޓިވް ޓީމުން ވަނީ ނިންމާފައެވެ. އެ ކަން އިޢުލާނުކުރެއްވީ އީ.ޔޫ. ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮންޑެ ލަޔަންއެވެ.

ބިންހެލުމުގައި ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. ސޫރިޔާއަށް ވެސް އެހީތެރިވުމުގެ ގޮތުން 115 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އީ.ޔޫ.އިން ވަނީ ނިންމާފައެވެ.

ބިންހެލުމުގައި ސޫރިޔާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައިވާ އުތުރުގެ ސަރަޙައްދުތަކަށެވެ. ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 397 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އެހީދޭ ޖަމުޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީ (އައި.އާރް.ސީ)އިން ވަނީ ބުނެފައެވެ.

ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައެވެ. އެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 50,000 އަށްވުރެ މައްޗަށް އަރާފައެވެ. ބިންހެލުމުގައި ތުރުކީވިލާތުގެ ދެކުނުގައިވާ 11 ޕުރޮވިންސަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތަކެއް ހާސް ޢިމާރާތެއް ވެއްޓި، ސުންނާފަތިވިއެވެ.

އީ.ޔޫ.ގެ އިތުރުން އެ އިއްތިހާދުގެ ބައެއް ޤައުމުތަކުން ވަނީ ތުރުކީވިލާތާއި ސޫރިޔާއަށް ވަކިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ. ޖަރުމަނުވިލާތުން ބުނީ އެ ޤައުމުން 255 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމުގައެވެ. އަދި، ފަރަންސޭސިވިލާތުން ބުނީ، އެ ޤައުމުން 12.9 މިލިޔަން ޑޮލަރު ފޯރުކޮށްދޭނެ ކަމުގައެވެ.

ބްރަސެލްސްގައި ކުރިއަށް ދިޔަ އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުގެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުން ބައިވެރިވިއެވެ. ނަމަވެސް، މި ބައްދަލުވުމުގައި ބައިވެރިވުމަށް ރަޝިޔާއަށް ދަޢުވަތު އަރުވާފައި ނުވާ ކަން ފާހަގަކުރެވެއެވެ. ސަބަބަކީ، ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ރަޝިޔާއިން ފަށައިގެން އުޅޭ ހަނގުރާމައެވެ.