ޚަބަރު

އަސީރުން ބަދަލުކުރުމަށް ޔަމަނުގެ ސަރުކާރާއި ހޫޘީން އެއްބަސްވެއްޖެ


ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްޙަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޔަމަނު ސަރުކާރާއި ހޫޘީންނާ ދެމެދު އަސީރުން ބަދަލުކުރުމަށް އެއްބަސްވެއްޖެއެވެ. މި ކަމާ ގުޅޭ ގޮތުން ސްވިޓްޒަލެންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު ދެ ފަރާތުން ވަނީ 880 އަސީރުން ބަދަލުކުރުމަށް އެއްބަސްވެފައެވެ.

މި ކަމާ ގުޅޭ ގޮތުން ޔަމަނު ސަރުކާރާއި ހޫޘީންނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައި މި ވަނީ، ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމުމުގެ ސަބަބުންނެވެ. އެ ދެ ޤައުމަކީ ޔަމަނުގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރަމުންދާ ދެ ޤައުމެވެ. މި ހަނގުރާމައިގައި ސަޢޫދީން ތާޢީދު ކުރަނީ ޔަމަނުގެ ސަރުކާރަށެވެ. އަދި، އީރާނުން ދަނީ ހޫޘީންނަށް އެއްބާރުލުން ދެމުންނެވެ.

އަސީރުން ބަދަލުކުރުމާ ގުޅޭ ގޮތުން ސްވިޓްޒަލެންޑުގެ ބަރންގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ހޫޘީން ތަމްސީލުކުރެއްވި ޢަބްދުލް ޤާދިރު އަލް-މުރުޠަޟާ ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި 880 އަސީރުން މިނިވަން ކުރުމަށް ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަސީރުން ބަދަލު ކުރެވޭނެ ކަމުގައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ، 2014 ވަނަ އަހަރު ހޫޘީން އަރައި ޔަމަނުގެ ވެރިރަށް ޞަންޢާ ހިފުމާ ގުޅިގެންނެވެ. އީރާނުން ވާގިވެރިވާ ހޫޠީން ޞަންޢާ ހިފުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ ލަޝްކަރެއް އެކުލަވައިލާ، ހޫޘީންގެ އަތްދަށުން ޔަމަނު މިނިވަން ކުރުމަށް ހަނގުރާމަ ފަށާފައެވެ.

މި ހަނގުރާމައިގައި އެތަކެއް ސަތޭކަ ހާސް މީހުން މަރުވެފައިވާއިރު، މި ވަގުތު ދެ ފަރާތުގެ ދެމެދުގައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލާފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން އެއްބަސްވެފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެ އެއްބަސްވުމުގެ މުއްދަތު 2022 އޮކްޓޫބަރު މަހު ހަމަވި ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ހަނގުރާމަ އަލުން ފަށާފައެއް ނުވެއެވެ.

އަސީރުން ބަދަލުކުރުމަށް ޔަމަނު ސަރުކާރާއި ހޫޘީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހޫޘީން ހައްޔަރުކޮށްފައިވާ 181 މީހުން މިނިވަން ކުރާނެއެވެ. އަދި، ޔަމަނު ސަރުކާރުން ހައްޔަރުކޮށްފައިވާ 706 މީހުން ދޫކޮށްލާނެއެވެ. ހޫޘީންގެ ހައްޔަރުގައި ތިބި މީހުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި ސޫދާނުގެ ރައްޔިތުން ވެސް ހިމެނެއެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އަސީރުން މިނިވަންކުރުމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށް މުރުޠަޟާ ވިދާޅުވިއެވެ. ޔަމަނު ސަރުކާރުގެ އިސް އޮފިޝަލެއް ކަމުގައިވާ މާޖިދު ފައިޞަލް ވިދާޅުވީ، ހޫޘީން ހައްޔަރުކޮށްފައިވާ އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު މަޙްމޫދު އަލް-ސުބައިހީއާ އެކު އިތުރު ހަތަރު ނޫސްވެރިން މިނިވަން ކުރުމަށް ވެސް ހޫޘީން އެއްބަސްވެފައިވާ ކަމުގައެވެ.

ޔަމަނު ސަރުކާރާއި ހޫޘީންނާ ދެމެދު އަސީރުން ބަދަލުކުރުމަށް އެއްބަސްވުމަކަށް އާދެވިފައި މި ވަނީ، އ.ދ.އާއި ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިން މެދުވެރިވެގެން ކުރި މަސައްކަތުންނެވެ. މި ކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ފަށާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ޔަމަނު ސަރުކާރާއި ހޫޘީންނާ ދެމެދު އެންމެ ފަހުން މި ގޮތަށް އަސީރުން ބަދަލުކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު 1,050 އަސީރުން ވަނީ މިނިވަންކޮށްފައެވެ. އަދި، ހުސްވި 2022 ވަނަ އަހަރުގެ ކުރީކޮޅު ހޫޘީން ވަނީ 823 އަސީރުން މިނިވަންކުރަން އެއްބަސްވެފައެވެ. އަދި، ޔަމަނު ސަރުކާރުން ވެސް ވަނީ 1,400 މީހުން މިނިވަންކުރާނެ ކަމަށް ބުނެފައެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެއާއެކު، މެދުއިރުމަތީގައި ހިނގަމުންދާ ގިނަ ހަމަނުޖެހުންތަކަށް ނިމުމެއް ގެންނަން މަގުފަހިވެގެން ގޮސްފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.