ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ ބެލުމަށް ދިފާޢީ ބާރުގެ ޚާއްޞަ ކޮމިޓީއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި ހަމަނުޖެހުން ބެލުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާޢީ ވަޒީރު ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމިޓީއެކެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފައެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމްއާ ޙަވާލު ކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އެސަރަހައްދުން މޮޓޯކޭޑަށް ދެވުނީ 10 ވަރަކަށް މިނިޓްފަހުންނެވެ. ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި އަމަލުތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ 241 ކޮމެޓީއަށް ހާޒިރުކުރަންވަނީ ނިންމާފައެވެ.