ޚަބަރު

ބަޚްމުތުގެ %70 ހިފާފައިވާ ކަމަށް ވެގްނަރ ގުރޫޕުން ބުނެފި


ޔޫކްރެއިނުގެ އިރުމަތީގައިވާ ބަޚްމުތްގެ 70 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް، ރަޝިޔާއިން ޔޫކްރެއިނަށް ފޮނުވާފައިވާ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިން ބުނެފިއެވެ. ބަޚްމުތަކީ، އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ދެ ސަރަޙައްދުގެ ތެރެއިން ޑޮނެޓްސްކުގެ ރަށެކެވެ. އެ ރަށް ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މީގެ އަށެއްކަ މަސް ކުރިންނެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ޑޮނެޓްސްކުގެ އިތުރުން ދޮންބާސްގައި ދެން އޮންނަ ލުހާންސްކުގެ ބޮޑު ސަރަޙައްދަކަށް ވެސް ރަޝިޔާއިން ވަނީ އަތްގަދަކޮށްފައެވެ. އަދި، ދެކުނުގައިވާ ޒަޕޮރީޜިޔާ ވެސް އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައެވެ.

ބަޚްމުތް ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނާއި، ރަޝިޔާގެ އަސްކަރިއްޔާގެ އެންމެ ކުޅަދާނަ ފައުޖުތަކެވެ. ވެގްނަރ ގުރޫޕުގެ އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ބަޚްމުތްގެ 70 އިންސައްތަ މިހާރު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، އެ ރަށުގެ ހުރިހާ ސަރަޙައްދެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މި ސިޓީ ސޯޝަލް މީޑިޔާގައި ވެސް ހިއްސާކޮށްފައިވާއިރު، ޕްރިގޮޜިން ވަނީ ވެގްނަރ ގުރޫޕަށް އިތުރު ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ޝޮއިގޫގެ ކިބައިން އެދިފައެވެ. އަދި، މި ހިނގާ މަރިޗު މަހު ނުވަތަ ފެށޭ އޭޕްރިލް މަހުގެ ތެރޭގައި ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުން ތައްޔާރުވަމުންދާ ކަމުގައި ވެސް އެ ސިޓީގައި ބުނެފައިވެއެވެ. އަދި، އިތުރު ހަތިޔާރާއި ވަސީލަތްތައް ނުލިބިއްޖެ ނަމަ، ބަޚްމުތް ދިފާޢު ކުރުމަށް ދަތިވާނެ ކަމުގައި ވެސް ޕްރިގޮޜިން ބުންޏެވެ.

ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި، އަތްގަދަކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް އަސްކަރީ ކެމްޕޭނެއް ފެށުމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. މި ކެމްޕޭނަށް ބޭނުންވާ މިންވަރަށް އެ ޤައުމަށް ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ގޮތުން، ޔޫކްރެއިނަށް 2 ބިލިޔަން ޔޫރޯގެ ވަޒަނާއި އާޓިލަރީ ޝެލް ފޯރުކޮށްދޭން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މެންބަރު ޤައުމުތަކުން ވަނީ ނިންމާފައެވެ. އެ ތަކެތި ފޯރުކޮށްދޭނީ، އެ އިއްތިހާދުގެ ޤައުމުތަކުގެ ސްޓޮކުންނެވެ. މި ކަމާ މެދު އެއްބަސްވެފައި ވަނީ ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައި އީ.ޔޫ.ގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގެ ބައެއް ނިންމުންތަކުގެ ތެރޭގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިނަށް އާޓިލަރީ ބަޑިއަށް ބޭނުންވާ 1 މިލިޔަން ޝެލް ނުވަތަ ބޮން ފޯރުކޮށްދިނުން ހިމެނެއެވެ. މި ނިންމުމަށް ޔޫކްރެއިނުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި، ރަޝިޔާގެ ފައުޖުތައް ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 350,000 ޝެލް ބޭނުންވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.