ޚަބަރު

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މިދިޔަ އަހަރު 1.4 ބިލިއަން ރުފިޔާ


މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މިދިޔަ އަހަރު 96 މިލިއަން ޑޮލަރު ނުވަތަ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރގްރޭޓެޑް ނޭޝަނަލް ފައިނޭންސިންގ ފްރޭމްވޯކް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ފައިނޭންސިންގ ފްރޭމްވޯކަކީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އެހީވުމަށް ޔޫއެންއާއި ގުޅިގެން އެކުލަވާލާފައިވާ ފްރޭމްވޯކެކެވެ. މިފްރޭމްވޯކް އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރއެވެ.

މިފްރޭމްވޯކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިފްރޭމްވޯކް އެކުލަވާލާފައިވަނީ ޔޫއެންއާއެކު 2 އަހަރުވަންދެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިއީ މިހާރު ރާއްޖެއަށް ވަރަށް ބޭނުންތެރި ފްރޭމްވޯކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް 96 މިލިއަން ޑޮލަރު ނުވަތަ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. އަދި މިއަދަދަކީ 2011 ވަނަ އަހަރާއި އަޅާބަލާއިރު %3210 އިތުރު އަދަދެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތުގެ ފްރަންޓްގައި ރާއްޖެ އަދިވެސް އެބައޮތް. މޫސުމަށް އަންނަ ބަދަލުތަކަށް 2022 ވަނަ އަހަރު އެކަނިވެސް 96 މިލިއަން ޑޮލަރު ޚަރަދުކުރީ ސީދާ އަޅުގަނޑުމެންގެ ޤައުމީ ބަޖެޓުން. މިއީ 2011 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 3210 އިންސައްތައިގެ އިތުރުވުމެއް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އާމްދަނީގެ ވިލުންވެރިކަން އިތުރުވުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ފައިނޭންސިންގ ފްރޭމްވޯކް މެދުވެރިކޮށް ގްރީން ފަންޑުން ކުރެވޭ ޚަރަދުތައް އިތުރުކޮށް، ފޮސިލް ފިއުލް ބޭނުންކުރާ ވަރު މަދުކޮށް، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނސްޓްރީން ވިދާޅުވެއެވެ.