ޚަބަރު

ކުށްވެރިންނަށް މަސައްކަތް ދަސްކޮށްދިނުމަކީ މިހާރުގެ ސިޔާސަތު


ކަރެކްޝަނަލް ސަރވީސްގެ މިހާރުގެ ސިޔާސަތަކީ ކުށްވެރިންނަށް މަސައްކަތް ދަސްކޮށްދީ އެމީހުން ލައްވައި އެމަސައްކަތް ކުރުވައިގެން ދައުލަތުގެ ބަޖެޓަށް ލުއިކަމެއް ގެނެސްދެއްވުމާއި ގައިދީންނަށްވެސް ޢާމްދަނީ ލިބެމުން ދިއުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ. މިސިޔާސަތުގެ ދަށުން ކަރެކްޝަނަލް ސާވިސްއިން މިހާރު ގެންދަވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ތިބި ޤައިދީންނަށްވެސް މަސައްކަތް ދަސްކޮށްދެއްވައި އެމީހުން ލައްވާ ބައެއް މަސައްކަތްތައް ކުރުވަމުންނެވެ.

ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރު ޚާއްޞަ ކުރައްވާފައިވަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލެވެންދެން ބައިތިއްބާ ތަނެއްގެ ގޮތުގައިނަމަވެސް މިތަނަކީ ޤައިދީންވެސް ބައިތިއްބާ ތަނެކެވެ. އެގޮތުން މި ޑިޓެންޝަން ސެންޓަރުގައި މިހާރު ތިބި 17 ޤައިދީންގެ ތެރޭން އެގާރަ ޤައިދީއަކަށް ވަޒީފާ ހަމަޖެހި އެމީހުންނަށް ވަނީ ބަންދުގައި ތިބެ އުޖޫރަ ލިބޭގޮތަށް މަސައްކަތްކުރުމުގެ މަގު ތަނަވަސްވެފައެވެ. ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ބެލުމުގެ ދަށުން ޤައިދީން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ހައެއްކަ ގަޑިއިރު މަސައްކަތްކުރެއެވެ. މިމީހުންގެ މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމަށް ހަރުކުރާ ބޮއިތަކުގައި ހަރުކުރާ ގާއެޅުމުގެ މަސައްކަތެވެ. މި މީހުންނަކީ މީގެ ކުރިން މިމަސައްކަތްކުރި ބައެއް ނޫންނަމަވެސް މިހާރު މިވަނީ މިމީހުން އަނބުރާ މުޖްތަމަޢަށް ނިކުމެ ކުރާނެ މަސައްކަތެއް ދަސްކުރެވިފައެވެ.

ޤައިދީންގެ ޙަރަކާތްތަކާއި މަސައްކަތްތައް ބެއްލެވުމަށް ޙަވާލުވެ ތިއްބަވާ ކަރެކްޝަނަލްގެ މުއައްޒަފުން ފާހަގަކުރައްވާގޮތުގައި، މަސައްކަތަށް ނެރޭ ޤައިދީންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަދައިގަންނަވަމުންދެއެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ގިނަ އަދަދެއްގެ ގާ ފިޝަރީޒް މިނިސްޓްރީއާ ޙަވާލުކުރެވިފައިވާކަން ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރައްވައެވެ. ކަރެކްޝަނަލްގެ މުވައްޒަފުންނާއި އަދި ޤައިދީން ބޭނުންކޮށްގެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ތައްޔާރުކުރަމުންދެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މިހާރު ޖަލުތައް ހިނގަމުންދަނީ މީހުން އަބަދު ބަންދުކޮށްފައި ބައިތިއްބާ ތަނަކަށްވުރެ އެމީހުން އަނބުރާ މުޖްތަމަޢަށް ނެރުމަށްޓަކައި ބޭނުންވާ މަސައްކަތާ ތަމްރީނު ފޯރުކޮށްދޭ އިންސްޓިޓިއުޓެއްގެ ގޮތުގައިކަމަށެވެ. ޤައިދީން އަނބުރާ މުޖްތަމަޢަށް ނެރުއްވުމަށް ކަރެކްޝަނަލް ސަރވިސުން ކުރައްވާ މަސައްކަތް ކާމިޔާބުކުރުމަށް މުޖްތަމަޢުގެ ބޮޑު އެއްބާރުލުމެއްވެސް ބޭނުންވާކަން ކޮމިޝަނަރ ހުޝާމް ފާހަގަކުރެއްވިއެވެ.