ކުޅިވަރު

މޯލްޑިވްސް ޕްރޯއާ ގުޅޭގޮތުން އެމްބީބީއޭއިން ރައީސް ޞާލިޙާ މަޝްވަރާކޮށްފި


މިއަހަރު އޮގަސްޓް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" އާ ގުޅޭގޮތުން ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާކޮށްފިއެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 3 އިން 12 އަށެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯ މުބާރާތުގައި 15 ގައުމަކުން ދުނިޔޭގެ މަޝްހޫރު ބޮޑީބޯޑަރުން ވާދަކުރިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުންވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ކުރިންވެސް އެމްބީބީއޭއިން ވަނީ ރައީސް ޟާލިހާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ފަހަރުގެ ބައްދަލުވުމުގައި ރައީސް ވަނީ މި މުބާރާތް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރުމަށާއި، އެކަމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިފަހަރުގެ ބައްދަލުވުމުގައި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކެ) ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް)، ހަޒާންދާރު އަޙްމަދު ޝާފިއުގެ އިތުރުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ބައިވެރިވެފައެވެ.

އެމްބީބީއޭއިން އަންނަނީ މިދިޔަ އަހަރުގެ ކާމިޔާބީއާއެކީ އެއަށްވުރެ ފުރިހަމަ މުބާރާތެއް މިއަހަރު ބޭއްވުމަށް މަސައްކަތް ކުރުމުންނެވެ. އެގޮތުން ދުރާލާ މުބާރާތުގެ ތައްޔާރީތައް ވަނީ ފައްޓައިފައެވެ.