ޚަބަރު

ބަދަލުނުވި ދިވެހިންގެ ރޯދަ މޭވާ، މިފަހަރު އެންމެ ގިނައީ ފިޔޯރީ ކަރާ


ދިވެހިންނަށް ރޯދަމަހާއި އެންމެ ބޮޑު ގުޅެމެއް އޮންނަ އެކައްޗަކީ ކަރާކަން ޔަޤީނެވެ. ރޯދަ ވީއްލާ ސުފުރާމަތީ ފަނީގެ ކިތަންމެ ގިނަ ބާވްތަތްތަކެއް ހުރި ނަމަވެސް ކަރާ ފަނި ސުފުރާގެ ކޮންމެވެސް ހިސާބެއްގައި ހުންނަންޖެހެއެވެ. ރޯދަމަސް ފެށުމުގެ އެތައް ދުވަހެއް ކުރިން ރޯދަމަހަށް ކަރާ ހައްދަން ފަށައެވެ. މި ހުރިހާކަމަކުންވެސް ރޯދަމަހު ދިވެހިންނާ ކަރާއާ އޮތް ގުޅުން ފެނިގެންދެއެވެ.

ކަރައަށް ދިވެހިންގެ ކިތަންމެ މަޤްބޫލުކަމެއް އޮތްނަމަވެސް ކަރާގެ އަގު އުފުލިގެން ނުދާ ރޯދަ މަހެއް ނާދެއެވެ. މިރޯދަމަހު ކަރައަށް އޮންނަ ޑިމާންޑާއި އެއްވަރަށް، އަގު ބޮޑުވިޔަ ނުދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހެޔޮ އަގުގައި ކަރާ ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ދަނޑުވެރިންނާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

ދަނޑުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރުގެ އެއް ކުންފުންޏަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓެވެ. އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މިސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެގްރޯނެޓުން ވިދާޅުވީ މިއަހަރު ރަމަޟާންމަހަށް އެގްރޯނެޓުގެ ފަރާތުން 150 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. މިތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 19 ވަނަ ދުވަހު ވަނީ ބާޒާރަށް ނެރެފައެވެ. އެއީ 3 ޓަނުގެ ކަރައެވެ. އަދި މަިމަހުގެ 20 ވަނަ ދުވަހުވެސް އިތުރު 3 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

އެގްރޯނެޓުން ބާޒާރަށް ނެރޭ ތަކެތި ވިއްކަނީ ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށެވެ. އެގޮތުން ކަރާ ކިލޯއެއް އެކުންފުނިން މިހާރު ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

އެގްރޯނެޓުން ވިދާޅުވީ މިރޯދަމަހު އެންމެ ގިނައިން ކަރާ ފޯރުކޮށްދޭނެ އެއް ރަށަކީ ގދ. ފިޔޯރީކަމަށެވެ. އަދި ގދ. ނެއްލައިދޫއާއި ލ. ގަމުންވެސްގިނަ އަދަދެއްގެ ކަރާ ފޯރުކޮށްދޭނެ ކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

ރައްޖޭގައި ކަރާ ހައްދާ އެންމެ މަޝްހޫރު އެއް ރަށަކީ ތޮއްޑޫއެވެ. ތޮއްޑޫ ކަރައަކީ ދިވެހިންގެ މެދުގައި މަޤްބޫލު ކަރައެކެވެ. ކޮންމެ ރޯދަމަހެކޭ އެއްފަދައިން މިއަހަރުގެ ރޯދަމަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ކަރާ ފޯރުކޮށްދޭން ތޮއްޑޫންވެސް ވަނީ ތައްޔާރުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލުން ވިދާޅުވީ މި އަހަރުވެސް ތޮއްޑޫން 200 ޓަނަށްވުރެ ގިނަކަރާ މާރުކޭޓަށް ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ފަތްޕިލާވެލި އަދި ތަރުކާރީގެ ބާވަތްތައްވެސް މާރުކޭޓަށް ގިނަ ޢަދަދަކަށް ނެރެވޭނެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

157 ހެކްޓަރުގެ ތޮއްޑޫގައި މީހުން ދިރިއުޅެމުންދާ ކުޑަ ސަރަޙައްދު ފިޔަވައި، ރަށުގެ ހުރިހާ ސަރަޙައްދު އޮތީ ދަނޑު ބިމަށް ދޫކޮށްފައެވެ. އެގޮތުން ރަމަޟާންމަހަށް ޚާއްސަކޮށް އެކަނިވެސް 2.3 މިލިއަން އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ.

ރޯދަމަސް މިހާރު ފެށިފައިވާއިރު، ބާޒާރުމަތި ނުވަތަ ލޯކަލް މާރުކޭޓް ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އެގޮތުން، ކަރައަކީ ބާޒާރުމަތީގައި ތިޔާގި ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ.

ބާޒާރުމަތީގައި މިހާރު ކަރާގެ އަގު ހުރީ ކިލޯއެއް 35 ރުފިޔާއަށެވެ. ނަމަވެސް، މަހުގެ މެދެއްހާ ހިސާބުން ކަރާގެ އަގު ދަށަށް ދާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މިފަހަރު އެންމެ އަގު ބޮޑުވާނެ އެއް ބާވަތަކީ ލުނބޮއެވެ. ސަބަބަކީ ލުނބޯގެ ޑިމާންޑާއި އެއްވަރަށް ލުނބޯ ނުލިބޭތީކަމަށް ވިޔަފާރިވެރިން ބުނެއެވެ. މިކަން ހައްލުކުރުމަށްޓަކައި އެސްޓީއޯއިން އަންނަނީ ލުނބޯ އެތެރެކޮށް، ހެޔޮއަގުގައި ވިއްކަމުންނެވެ.