ޚަބަރު

14 ބިދޭސީއެއްގެ ނަމުގައި 62000 ސިމް


14 ބިދޭސީއެއްގެ ނަމުގައި 62000 ސިމް ކާޑު ނަގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ވިދާލުވެއްޖެއެވެ.

ޕޮލިހުން މިކަން ހާމަކޮށްފައިވަނީ އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ހޯދުމަށް ކުރާ ފުލުހުން މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއާ ހިއްސާކުރައްވަމުންނެވެ.

އޮޅުވާލައިގެން އެކިގޮތްގޮތުން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިމައްސަލަތަކުގެ ތަހުޤީގުގެ ތަފްސީލީ ރިޕޯޓެއް ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން އެސްއޯއީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، މިމައްސަލަތަކާއި ބެހޭގޮތުން ފުލުހުން ކޮމެޓީއަށް ފޮނުވި ރިޕޯޓްގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމް ބޭނުންކުރާ މައްސަލަ ކަމަށެވެ.

" ފުރަތަމަ މައްސަލަ ފެށޭ ހިސާބަކީ އެއީ ކަންނޭނގެ އަޅުގަނޑު ދެކޭގޮތުގައި. ވަގު ސިމްތަކެއް މިގެންގުޅެނީ ވަގު ކަންތައްތަކެއް ކުރާއިރު. އަދި މި ސިމްތަކަކީ މިހާރުވެސް އެކްޓިވް ސިމްތަކަކަށް މިވަނީ. " އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ފުލުހުން ފޮނުވި ރިޕޯޓުގައިވާގޮތުން އެކަކުގެ ނަމުގައި 800 ސިމް ކާޑު ނަގާފައިވެއެވެ. އަދި 2 ބިދޭސީއެއްގެ ނަމުގައި 240000 ސިމް ކާޑު، 12 ބިދޭސީއެއްގެ ނަމުގައި 38000 ސިމް ކާޑު ނަގާފައިވާކަންވެސް ފުލުހުންގެ ރިޕޯޓުގައިވެއެވެ. މިޢާއެކު ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62000 ސިމް ކާޑު ވަނީ ނަގާފައެވެ.

ފުލުހުންގެ ރިޕޯޓުގައިވާގޮތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގެ ތެރެއިން 305 ނަންބަރަކީ މާފުށި ޖަލުގައި ތިބި ގައިދީން ބޭނުންކޮށްފައިވާ ނަންބަރުތަކެވެ. އަދި މިނަންބަރުތައް ބްލޮކް ކުރަން ފޮނުވާފައިވާކަމަށްވެސް ފުލުހުން ކޮމެޓީއަށް ފޮނުވި ރިޕޯޓުގައި ވަނީ ވިދާޅުވެފައެވެ.

މިކަމާއި ބެހޭގޮތުން މެމްބަރު އިލްޔާސް ވިދާޅުވީ މިމައްސަލަ ހައްލުވާނީ ޖަލަށް ފޯނު ވެއްދުން މުޅިން މަނާކޮށްގެންކަމަށެވެ.

"ޑީއެންއާރުން މުހިންމުކަން ދެނީ ޖަލުގައި އެންޓަނާއެއް ޖާހަފައި ޖަލުގައި ތިބޭ މުވައްޒަފުންގެ ނަމްބަރުތައް އެއެންޓަނާއަށް ފީޑްކޮށްފަ، އެހެން ނަމްބަރުތައް ބްލޮކް ކުރުން. އެއަށްވުރެ މުހިންމު ކަމެއްދޭންޖެހޭނީ ޖަލަށް ފޯނު ނުވެއްދޭނެ ގޮތް ހެދުން" އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިންވެސް ވަނީ ރިޕޯޓެއް ހުށައަޅާފައެވެ. އެގޮތުން 2021 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދާ 686 މައްސަލަ ހުށައަޅާފައިވާކަމަށް އެރިޕޯޓުގައިވެއެވެ. އަދި 2022 ވަނަ އަހަރު 1459 މައްސަލަ، މިއަހަރުގެ މިހާތަނަށް 238 މައްސަލަ ހުށައަޅާފައިވާކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

އޮޅުވާލައިގެން ސްކޭމްގެ ގޮތުގައި އެކައުންޓްތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސްއިން ބުނާގޮތުގައި މިިދިޔަ އަހަރު އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ހޯދުމާއި ގުޅޭ 1360 މައްސަލައެއްގައި 33 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކައުންޓްތަކުން ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ.