ޚަބަރު

ޤާބިލު ޙާފިޒުންގެ ޖީލެއް ބިނާކޮށް، ޤުރުއާނުގެ ޢިލްމު މުޅި ރާއްޖެއަށް


ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. ވަކިން ޚާއްސަކޮށް ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މިގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، އެ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ކޮށްފައެވެ.

މިގޮތުން ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 7 ޖަނަވަރީ 2019 ވަނަ އަހަރު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ނަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރައްވާ، މަރުކަޒުގެ މެންޑޭޓު ފުޅާކުރެއްވިއެވެ. އަދި އެ މަރުކަޒުގެ ހިންގުން ކިންގް ސަލްމާން މިސްކިތަށް ބަދަލުކުރެއްވިއެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާއި ޚިދުމަތްތައް މާލޭގެ އިތުރުން އަތޮޅުތަކަށްވެސް ފުޅާކުރެއްވިއެވެ. މިއާއެކު އަތޮޅުތަކުގެ ރަށްތަކުގައިވެސް އެ މަރުކަޒުގެ ކްލާސްތަކާއި ކޯސްތައް ހިންގޭ މިންވަރު އިތުރުވެގެންދިޔައެވެ. އެއްވެސް ފީއަކާ ނުލާ ދިވެހި ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގެނި ދަސްކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދިޔައެވެ. ރީތި ރާގަށް ކިޔަވާ ޤާރީންނާއި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދުމުގެ މަސައްކަތްވެސް ފުޅާވެގެންދިޔައެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މެންޑޭޓުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާނެ ދިވެހި ދަރީން އުފެއްދުމާއި، ޤުރުއާން މުބާރާތްތަކަށް އިސްރާފުކުރާނެ ޤާބިލު ދިވެހި ފަނޑިޔާރުން އުފެއްދުމުގެ މަޤްޞަދުގައި ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް ކުރެވުނު މަސައްކަތްތަކާއެކު އެކަމުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. އެންމެފަހުން ނިމިގެންދިޔަ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުންވެސް މިކަން ފާހަގަކުރެވިގެންދިޔައެވެ.

މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމުޢިއްޔާތަކާއި ޤުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވުނު ގިނަ މުބާރާތްތަކާ އަޅާބަލާއިރު، ޖުމްލަ ގޮތެއްގައި މި މުބާރާތުގެ ގިނަ ބައިވެރިންގެ ކިޔެވުން ރަނގަޅުކަން މުބާރާތައް އިިންސާފުކޮށްދެއްވި ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ. ތަފާތު ގިނަ ރީތި ރާގުތަކެއްގެ ކިޔެވުން އަޑުއިވިގެންދިޔަ މި މުބާރާތުގައި ވަރަށް ގިނަ ބައިވެރިން ދިގު ރާގަވަށްވެސް ކިޔަވާފައިވެއެވެ.

ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު ނުބަލާ ކިޔެވުމުގެ ގޮފި، އަދި ޙާފިޒުންގެ ގޮފީގެ ބައިވެރިންގެ ހިތުދަސްކުރުމުގެ ފެންވަރު ރަނގަޅުކަމާއި، ބައިވެރިންގެ ތަޖުވީދުގެ ފެންވަރުވެސް ކުރީގެ ގިނަ މުބާރާތްތަކަށްވުރެ ރަނގަޅުކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެމަނިކުފާނު އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާމެދު ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައެވެ.

އެއީ ޤާރީންނާއި، ޙާފިޒުންގެ ބޮޑު ޖީލެއް އުފެއްދެވުމެވެ. އެގޮތުން ކޮންމެ ރަމަޟާންމަހަކު ރާއްޖޭން ބޭރުން ގެންނަންޖެހޭ ޙާފިޒުންގެ ޢަދަދު މަދުކޮށް، ދިވެހިންގެ ތެރެއިން ޤާބިލު ކުޅަދާނަ ޙާފިޒުން ތަމްރީންކޮށް އުފެއްދެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤުރްއާނުގެ ޢިލްމަށް އަހުލުވެރި، އެއާއެއްގޮތަށް ޢަމަލުކުރާ ލާމަސީލު ރައްޔިތުންތަކެއް އުފައްދާ، ޤުރްއާނަށް އަހުލުވެރި، ސުންނަތް ދިރުވާ ނަމޫނާ އިސްލާމީ މުޖުތަމަޢެއް ބިނާކޮށް، ޤުރުއާނުގެ ޢިލްމާއި ޘަޤާފަތާއި، އަޚްލާޤުން ޒީނަތްތެރިވެފައިވާ ރައްޔިތުންތަކެއް އުފެއްދުމަށެވެ.