އަންހެނުންނަށް ހަމައެކަނި ފުރުޞަތުތައް ފަހިކޮށްދިނުމަކުން ނުވާނެކަމަށާއި ކަންކަން ނިންމުމުގައާއި ސިޔާސަތުތައް ކަނޑައެޅުމުގައި އަންނެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވާ، އެކި ދާއިރާތަކުން ކުރީސަފަށް ނެރުމަށް ފުރުޞަތު ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. ޚާއްސަކޮށް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުންގެ ތެރެއިން ދެމުންދާ އިސްކަން ފެނިގެންދަނީ، މިދިޔަ އަހަރު އެކުލަވާލާ ތަންފީޒުކުރަން ފެށި ޖެންޑަ އީކުއަލިޓީ އެކްޝަން ޕްލޭނުންކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މި ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުން ހިމެނޭކަމަށެވެ. އަދި މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަ ގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް، ޖެންޑަރ އީކުއަލިޓީ ސްޓިއަރިން ކޮމިޓީން ނިންމާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
" މޯލްޑިވިއަން ޖެންޑަރ އީކުއަލިޓީ މޮޑެލްގެ ނަމުގައި ނިޒާމެއް އެކުލަވާލަން ސްޓިއަރިން ކޮމިޓީން ފާސްކޮށްފި. މިގެ ސަބަބުން ސަރުކާރުގެ އިދާރާތަކުގައި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމަށް އެހީއަކަށްވާނެ. މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްކޮށް، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލަން." ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިޤްތިޞާދު ސިންދަފާތުކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ރައީސް ވިދާޅުވީ މީގެ 30އަހަރު ފަހުން، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވާނެކަމަށް އަންދާޒާކުރާކަމަށެވެ. އެހެންކަމުން މި ގެނެވޭ އީޖާދީ ވިސްނުންތަކަކީ، ދިގުރާސްތާގެ ހުރިހާ އުމުރަކާ ގުޅޭ އިޖާދީ ކަންކަމަށް ވާންޖެހޭކަން ފާހަގަކުރައްވާފައެވެ.
ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވިއެވެ.
އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުންވެސް އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމާއި، އަންހެނުންނަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މެޓަރނިޓީ ލީވް 6މަސްދުވަހަށް އިތުރުކޮށްދިނުމަކީވެސް މި ދާއިރަގައި އަންެހެނުން ހިފެހެއްޓުމަށް ކުރެވުނު މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. މިހާތަނަށް މި ލީވް 4000އަށްވުރެ ގިނަ މީހުންނަށް ދީފައިވާކަމަށްޥެސް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރު ރެހެނދި އެވޯޑު ޙާޞިލްކުރި ފަރާތްތަކަށް މި އެވޯޑު ޙަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި މުޖުތަމަޢުގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ނެރުނު "އެމޭޒް" ވީޑިއޯ ސީރީޒްގެ ފުރަތަމަ ވީޑިއޯ ދައްކާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މަދަދުގާރު" މޯބައިލް އެޕް އިފްތިތާޙްކޮށްދެއްވާފައެވެ.